ބޮލީވުޑްގައި މިހާރު ވަރުގަދަ ޒުވާން އެކްޓަރުންތަކެއް ތިބި ނަމަވެސް އެކްޓިން އިން ރިޓަޔާކުރުމުގެ ވިސްނުމެއް ނެތް ކަމަށް މަޝްހޫރު ތަރި ސަލްމާން ޚާން ބުނެފި އެވެ.
މި އަހަރު ބާއްވާ 68 ވަނަ ފިލްމުފެއާ އެވޯޑްސްއާ ބެހޭ ގޮތުން އިއްޔެ އޮތް ނޫސްވެރިންގެ ބައްދަލުވުމެއްގައި 57 އަހަރުގެ އެކްޓަރު ބުނީ އޭނަގެ އުމުރުގެ އެކްޓަރުން ކަމަށްވާ ޝާހްރުކް ޚާނާއި އާމިރު ޚާނާއި އަޖޭ ދޭވްގަންގެ އިތުރުން އަކްޝޭ ކުމާރަކީ އަދިވެސް ބޮލީވުޑްގެ އެންމެ ވަރުގަދަ އެކްޓަރުން ކަމަށެވެ. އެހެންވެ ޒުވާން އެކްޓަރުންގެ ބޮޑު ފައުޖެއް މިހާރު ބޮލީވުޑްގައި އޮތަސް ސަލްމާނާއި އޭނަގެ ޖީލު ރިޓަޔާކުރުމުގެ ވިސްނުމެއް ނެތް ކަމަށް ބުންޏެވެ.
"ހިއެއް ނުވޭ އެކަހަލަ މަންޒަރެއް އަވަހަކަށް ފެނިދާނެ ހެނެއް ވެސް." ކާމިޔާބު އެތައް ފިލްމެއް ކުޅެފައިވާ ސަލްމާން ބުންޏެވެ.
އޭނަ ބުނި ގޮތުގައި ބޮލީވުޑްގެ މިހާރުގެ ޒުވާން އެކްޓަރުންގެ މަސައްކަތްތަކާ ދޭތެރޭ ވެސް ވަރަށް ހިތްހަމަޖަހެ އެވެ. އަދި ކޮންމެ އެކްޓަރަކީ ވެސް ކުރިއަށް ދާން ވަރަށް ބުރަކޮށް މަސައްކަތްކުރާ މީހެއް ކަމަށް ބުންޏެވެ.
"އެ މީހުންގެ ފިލްމުތައް ބެލުންތެރިން ވަރަށް ބޮޑަށް ބަލައިގަނޭ. އަދި އަހަރެމެންގެ ޖީލު އެކްޓަރުންގެ ފިލްމުތައް ވެސް ހަމަ ވަރަށް ރަނގަޅަށް އެބަ ހިނގާ،" ސަލްމާން ބުންޏެވެ. "އެހެންވީމަ އަދިވެސް އަހަރެމެންނަށް ބޮޑު އަގުގައި ފިލްމު ކުޅެވޭނެ."
ސަލްމާންގެ ކުރިއަށް އޮތް ފިލްމަކީ ފިތުރު އީދުގައި ރިލީޒްކުރާ "ކިސީ ކާ ބާއީ، ކިސީ ކީ ޖާން" އެވެ. އަދި ނޮވެމްބަރުގައި އޭނަގެ "ޓައިގާ 3" ސިނަމާތަކަށް އަންނާނެ އެވެ.
ބޮލީވުޑުން މިހާރު އެންމެ ފާހަގަކޮށްލެވޭ މި ޖީލުގެ އެކްޓަރުންގެ ތެރޭގައި ރަންބީރް ކަޕޫރް، ޝާހިދު ކަޕޫރް، ވިކީ ކޯޝަލް، ވަރޫން ދަވަން، ޓައިގާ ޝްރޮފް، ކާތިކް އާރިއަން، އަޔޫޝްމަން ކްރާނާ، ސިދާތު މަލްއުތުރާ އަދި ރާޖްކުމާރު ރާއޯ ހިމެނެ އެވެ.