ރާއްޖޭގައި ރިސޯޓްތައް ހިންގާ މަޝްހޫރު ކުންފުނި، ޗަމްޕާ ބްރަދާސް އިން މާލޭގެ ރައްޔިތުންނަށް ބެހުމަށް 25،000 ކާށި ސިޓީ ކައުންސިލަށް ހަދިޔާކުރަން ނިންމައިފި އެވެ.
އަވައްޓެރި ސްރީ ލަންކާ އިން ގެނައި މި ކާށީގެ ފުރަތަމަ ޝިޕްމަންޓް ރޭ ވަނީ ކައުންސިލާ ހަވާލުކޮށްފަ އެވެ. އެއީ 10،000 ކާއްޓެވެ. ޗަމްޕާ ބްރަދާސް އިން ބުނި ގޮތުގައި ބާކީ އިން 15،000 ކާށި އަންނަ ހަފުތާގެ ތެރޭގައި ގެނެސް، ކައުންސިލާ ހަވާލުކުރާނެ އެވެ.
ވިޔަފާވެރިން ކަމަށްވާ މުހައްމަދު މޫސާ (އުއްޗު) އާއި ކޮއްކޮ ޗަމްޕާ ހުސައިން އަފީފުގެ ޗަމްޕާ ބްރަދާސް އިން މާލޭގެ ރައްޔިތުންނަށް ބަހަން ކާށި ހަދިޔާކުރަން ނިންމީ ބާޒާރުގައި މިހާރު ކާށީގެ އަގު ވަރަށް ބޮޑަށް އުފުލިފައިވާތީ އެކަމުގެ ދަތިކަން އާންމުންނަށް ކުރިމަތިވެފައިވާތީ އެވެ.
މިކަމާ ގުޅިގެން ސަރުކާރުގެ ވިޔަފާރި ކުންފުނި، އެސްޓީއޯ އިންވެސް އިންޑިއާ ކާށި ޝިޕްމަންޓެއް ގެނެސް މީގެ ހަފުތާއެއްހާ ދުވަސް ކުރިން ވިއްކަން ފަށާފައިވެ އެވެ.
މާލެ ސިޓީ ކައުންސިލުން ވަނީ ހަދިޔާގެ ގޮތުގައި ލިބޭ ކާށި އާންމުކޮށް އިއުލާންކޮށްގެން ބެހުމަށް ނިންމައިފަ އެވެ. އެގޮތުން ކައުންސިލުން ނިންމާފައި ވަނީ ކާށި ބަހާ ފުރަތަމަ ފަސް ދުވަހު ފަގީރުންގެ ދަފުތަރުގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކުން ލިޔެކިޔުން ހިފައިގެން ދިއުމުން ކާށި ދޫކުރަން ނިންމައިފަ އެވެ. އަދި އޭގެ ފަހުން އައިޑީ ކާޑު ހިފައިގެން ދާ ރައްޔިތުންނަށް ކާށި ދޫކުރަން ކައުންސިލުން ނިންމާފައިވެ އެވެ.
ކާށި ބަހާނީ ފަސް ކާށީގެ ޕެކޭޖް ގޮތުގަ އެވެ.