ކޮންމެ ދުވަހެއްގެ ތާވަލުގައި ވެސް އެންމެ ފުރަތަމަ ކަމަކީ ނަމާދުކަމަށް ހަދަން ޖެހޭ ކަމަށް ޝައިޚް ޙުސައިން ޢަބްދުﷲ ސަޢީދު ވިދާޅުވެއްޖެ އެވެ.
"ނަމާދު: މުސްލިމާގެ ދީނާއި ދުނިޔެ" މި މައުޟޫޢަށް ރޭ ބޭއްވި އިހުޔާ ފޯރަމްގައި އޭނަ ނަމާދުގެ މުހިންމުކަމަށް ވަރަށް ތަފްސީލުކޮށް ދެއްވައިފަ އެވެ.
ޝެއިހް ވިދާޅުވި ގޮތުގައި މުސްލިމެއްގެ ދިރިއުޅުން ކުރިއަަށް ގެންދިއުމުގައި އެންމެ އިސްކަން ދޭން ޖެހޭ ތަރުތީބަށް ބަލާ އިރު އަބަދު ވެސް އެންމެ ބޮޑަށް ފަރުވާތެރިވާން ޖެހެނީ އަދި އެންމެ ބޮޑު އިސްކަމެއް ދޭން ޖެހެނީ ދީނުގެ ތަނބު ކަމަށްވާ ނަމާދަށް ކަމަށެވެ.
ނަމަވެސް މުޖުތަމައަށް ބަލާލުމުން މިހާރު ފެންނަނީ ނަމާދަކީ ކުރަން ހުންނަ އެހެނިހެން ކަންކަން ކޮށްފައި ހުސް ވަގުތެއް ލިބިއްޖެ ނަމަ ކުރާ ކަމެއްގެ ގޮތުގައ ދެކޭ ތަމް ކަމަށް ޝައިހު ސައީދު ވިދާޅުވި އެވެ. އެހެންވެ ނަމާދަށް ފަރުވާ ކުޑަނުކުރަން ނަސޭހަތްތެރިވަމުން ޝައިޚް ވަނީ އަބަދު ވެސް ކުރާ މަސައްކަތެއް ކުރަން ޖެހޭނީ، ރާވަން ޖެހޭނީ ވެސް އެންމެ ފުރަތަމަ ނަމާދު ކުރެވޭ ގޮތަށް ކަމަށެވެ.
އިޙްޔާ ފޯރަމް 1444
ނަމާދު-މުސްލިމާގެ ދީނާއި ދުނިޔެ pic.twitter.com/quLinkeuMT— Ministry of Islamic Affairs (@MVIaffairs) April 6, 2023
އެގޮތުން ތަންތަނުގެ އިސްވެރިންނާއި ކަންކަން ރާވާ ހިންގާ ބޭފުޅުން ވެސް އެ ބޭފުޅުންގެ ދަށަށް ތިއްބަވާ މުވައްޒަފުންނަށް ނަމާދު ކުރުމަށް ބާރުއެޅުމާއި ނަމާދު ކުރުމަށް ވަގުުތު ދިނުމާއި އިމާރާތްތައްކުރާ އިރު ވެސް ނަމާދުކުރެވޭނެ ތަންތަން ހަދައި ނަމާދަށް ބާރު އެޅުމަށް އިލްތިމާސްކުރެއްވި އެވެ.
ނަމާދުކުރާ މީހާ އާއި ނަމާދު ނުކުރާ މީހެއްގެ ދިރިއުޅުމަށް ބައްލަވަމުން ޝައިޚް ވިދާޅުވީ ނަމާދު ނުކުރާ މީހަކާ ނަމާދުކުރާ މީހެއްގެ ތަފާތު ވަރަށް ރަނގަޅަށް އެނގޭނެ ކަމަށާއި އެގޮތުން ނަމާދުކުރާ މީހާގެ ދިރިއުޅުން ވަރަށް ތަރުތީބުވާނެ ކަމަށެވެ. ވަގުތަށް ނަމާދުކުރާ މީހާއަކީ ވަކި ގޮތަކަށް އޭނާގެ ދިރިއުޅުމުގެ ކަންކަން ތަރުތީބުވެގެންވާ މީހެއް ކަމަށް ވިދާޅުވި އެވެ.
އެހެންކަމުން އެންމެންނަކީ ވަގުތަށް ނަމާދުކުރާ ބަޔަކަށްވުމަށްޓަކައި މާތްﷲގެ ހަޟްރަތުގައި ދުޢާ ދަންނަވައި އެކަލާނގެ ލޯބިވެވޮޑިގަންނަވާ ފަދައަކުން އަޅުގަނޑުމެންގެ ޢަމަލުތައް ބަހައްޓާ ބަޔަކަށް ވެވޭތޯ ދުއާ ކުރުމަށް ނަސޭހަތްތެރިވެ ވަޑައިގެންނެވި އެވެ.