ދެހާސް އެކާވީހުގައި ރިލީޒްކުރި ތެލެގޫ ފިލްމު "ޕުޝްޕާ" ވީ އޭގައި ޖާދޫގައި އެތައް ބަޔަކު ޖެހުނު ފިލްމަކަށެވެ. އައްލޫ އަރުޖުންގެ މޮޅު އެކްޓިން އާއި އޭނަގެ "ސްވެގް" އެތައް ގޮތަކުން ޓްރެންޑަކަށްވެގެން ދިޔަ މި ފިލްމުގެ ބޮޑު ކާމިޔާބިއާ އެކީ ކުރިއަށް އޮތީ މީގެ ދެވަނަ ބައެވެ.
"ޕުޝްޕާ: ދަ ރޫލް" ގެ ނަމުގައި އެ ފިލްމު ބެލުންތެރިންނަށް ގެނެސްދޭނީ އަންނަ އަހަރުގެ ކުރީކޮޅު އެވެ. އެކަމަކު އޭގެ ކުރިން މިއޮތީ "ޕުޝްޕާ" ގެ ފޭނުންނަށް ވަރަށް ހާއްސަ ހަދިޔާއެކެވެ. މާދަމާ ފާހަގަކުރާ އައްލޫގެ 40 ވަނަ ދުވަހާ ދިމާކޮށް އާ ފިލްމުގެ ތައާރަފެއް ވީޑިއޯއަކުން މިއޮތީ ދައްކާލައިފަ އެވެ.
ޕުޝްޕާ މަރުވެއްޖެ ކަމަށް ބުނެ ފެތުރެމުން ދިޔަ ވާހަތަކާ އެކީ، "ޕުޝްޕާ: ދަ ރޫލް" ތައާރަފުކޮށްދޭ މި ވީޑިއޯގައި ފެންނަނީ ޕުޝްޕާ އޭގެ އޭނަގެ ސްޓައިލްގައި އެނބުރި އަންނަ ގޮތެވެ. މިއާ އެކީ ފިލްމަށް ކުރެވޭ އިންތިޒާރީ އާއި މީގެ ޝައުގުވެރިކަން އެތައް ގުނަ ބޮޑުވާނެ ކަމަށް ބެލެވެ އެވެ.
ފިލްމު ބެލުންތެރިންނާ ހަމައަށް އަންނަން އަދި ގިނަ ދުވަސްތަކެއް އޮތުމާ އެކީ "ޕުޝްޕާ" ގެ މި ވީޑިއޯ އަކީ ފޭނުންނަށް ހަމަ ވަރަށް ހާއްސަ ހަދިޔާއަކަށް ވާނެ އެވެ.
"ޕުޝްޕާ" އަކީ ސުކުމާރު ލިޔެ، ޑައިރެކްޓްކުރި އެކްޝަން ޑްރާމާއެކެވެ. މީގެ ބަތަލާ އަކީ ރަޝްމިކާ މަންދަނާ އެވެ.