މިދިޔަ ސީޒަނުގައި އިނގިރޭސި ޕްރިމިއާ ލީގުން ރެލިގޭޓްވި ބާންލީ އަނެއްކާވެސް ޕްރިމިއާ ލީގަށް ޕްރޮމޯޓް ވެއްޖެ އެވެ.
މެންޗެސްޓާ ސިޓީގެ ކުރީގެ ޑިފެންޑަރު ވިންސެންޓް ކޮމްޕެނީގެ އިރުޝާދުގެ ދަށުން ކުޅުނު ބާންލީ ޕްރިމިއާ ލީގަށް ޕްރޮމޯޓްވިކަން ޔަގީންކުރީ ރޭ ޗެމްޕިއަންޝިޕް (ދެވަނަ ޑިވިޝަން ލީގު) ގައި މިޑިލްސްބްރޮއާ ވާދަކޮށް 2-1 އިން މެޗު ކާމިޔާބު ކޮށްގެންނެވެ. އެ ޓީމުން މިހާތަނަށް 39 މެޗު ކުޅެފައިވާއިރު، އެއްވަނައިގައި އޮތީ 87 ޕޮއިންޓް ހޯދައިގެންނެވެ. ދެވަނައިގައި އޮތީ 76 ޕޮއިންޓް ހޯދާފައިވާ ޝެފީލްޑް ޔުނައިޓެޑެވެ. ބާންލީ އަށް ލީގުގައި ބާކީ ހަތް މެޗު އެބަ އޮތެވެ.
މި މެޗުގައި ބާންލީގެ ދެ ގޯލު ކާމިޔާބުކޮށްދިނީ އޭޝްލީ ބާންސް އާއި ކޮނާ ރޮބަޓްސް އެވެ. މިޑިލްސްބޮރޮގެ ހަމައެކަނި ގޯލު ކާމިޔާބުކޮށްދިނީ އެޓީމަށް ލިބުނު ޕެނަލްޓީ އަކުން ޗުބާ އަކްޕޮމް އެވެ.
އިނގިރޭސި ދެވަނަ ޑިވިޝަނުގެ ޗެމްޕިއަންކަން ހޯދުމަށް ބާންލީ އަށް ބާކީ އޮތް ހަތް މެޗުން ބޭނުން ވަނީ 11 ޕޮއިންޓެވެ. ލީގުގައި ބާންލީ މިހާތަނަށް ބަލިވެފައިވަނީ އެންމެ ދެ މެޗުންނެވެ.
ލީގުގައި ބާންލީ ދެން ބައްދަލުކުރާނީ ދެވަނައިގައި އޮތް ޝެފީލްޑް ޔުނައިޓެޑާ އެވެ.