ކުރީގެ އަންހެނުން އަދި ބަތަލާ އެމްޑާ ހާޑް ކުރި ގެވެށިއަނިޔާގެ ތުހުމަތުތަކާ ގުޅިގެން ފިލްމީ ކެރިއަރަށް ލޮޅުން އެރި ހޮލީވުޑްގެ މަޝްހޫރު ތަރި ޖޯނީ ޑެޕްގެ އާ ފިލްމު "ޖިއާން ޑޫ ބެރީ" ގެ ޓްރެއިލާ ދައްކާލައިފި އެވެ.
އަންނަ މަހުގެ 16 ގައި ފަށާ މި އަހަރުގެ ކާންސް ފިލްމު ފެސްޓިވަލްގައި ވެސް ޕްރީމިއާކުރަން ހަމަޖެހިފައިވާ ފްރާންސްގެ މި ފިލްމުގައި ޑެޕް ފެންނާނީ ފްރާންސްގެ ރަސްކަލެއް ކަމަށްވާ ލުއީ 15 ގެ ރޯލުންވެ. "ލުއީ ދަ ބިލަޑްވް" ގެ ނަމުން މަޝްހޫރުވި ލުއީ އަކީ 59 އަހަރު ވަންދެން ފްރާންސްގައި ރަސްކަންކުރި ރަސްކަލެކެވެ. އޭނަ އަށް ބިނާކޮށް ހެދި މި ބައޮގްރަފިކަލް ފިލްމުގެ ޑައިރެކްޓަރަކީ ފްރާންސްގެ މެއިވެން އެވެ.
"ޖިއާން ޑޫ ބެރީ"އަކީ އެމްބާ ކުރި ތުހުމަތުތަކާ ގުޅިގެން އޭނައާ ދެކޮޅަށް ޑެޕްކުރި ދައުވާ ކާމިޔާބުކުރެވުނު ފަހުން ޑެޕް ފެންނާނެ ފުރަތަމަ ފިލްމެވެ. "ޕައިރޭޓްސް އޮފް ދަ ކެރީބިއަން" ފަދަ ކާމިޔާބު އެތައް ފިލްމެއް ކުޅެފައިވާ 59 އަހަރުގެ އެކްޓަރު އެންމެ ފަހުން ފެނިފައި ވަނީ އޭނަ ޕްރޮޑިއުސް ވެސް ކޮށް، ކުޅުނު 2020 ގެ "މިނަމާޓާ" އިންނެވެ.