Last Updated: June 8, 12:02
Monday, June 8, 2026
ޚަބަރު މޯލްޑިވިއަން

މޯލްޑިވިއަންގެ ހުރިހާ އާ ބޯޓެއް އާންމު އުދުހުމަށް

ޤައުމީ އެއާލައިން މޯލްޑިވިއަންއިން ގަނެފައިވާ 3 އޭޓީއާރު މަރުކާގެ ބޯޓު ވެސް އޮޕަރޭޝަނަށް ނެރެފައިވާ ކަމަށް މޯލްޑިވިއަން އިން ހާމަކޮށްފިއެވެ.

މޯލްޑިވިއަންގެ ފްލީޓު ބަދަލު ކުރުމަށް އެކުންފުނިން ކުރަމުންދާ މަސައްކަތުގެ ތެރެއިން އެކުންފުނިން ވަނީ އައު ތިން އޭޓީއާރު މަތިންދާ ބޯޓު މިދިޔަ އަހަރު ގަނެފައެވެ. އެއީ އޭޓީއާރު 72-600 މަރުކާގެ 2 ބޯޓާއި، އޭޓީއާރު 42-600 މަރުކާގެ އެއް ބޯޓެވެ. މި ބޯޓުތަކުގެ ތެރެއިން 72-600 މަރުކާގެ އޭޓީއާރު ދެ ބޯޓު ރާއްޖެ ގެނެސް މިއަހަރު ކުރީކޮޅު ވަނީ އާންމު އުދުހުންތަކުގައި ބޭނުން ކުރަން ފަށާފައެވެ.

މީގެ ތެރެއިން އޭޓީއާރު 42-600 މަރުކާގެ ބޯޓު މިހަފްތާގެ އާދީއްތަ ދުވަހު ރާއްޖެ ގެނެސްފައިވާއިރު، މިއަދު އެތެރޭގެ އުދުހުންތަށް ފެށުމަށް ފުރަތަމަ ދަތުރު ކުރާނެއެވެ. މިއަދު މެނދުރު 12:00 ޖަހާއިރު 26 ފަސިންޖަރުންނާއި އެކު އެ ބޯޓު ކައްދޫއަށް ފުރާނެއެވެ. މިއާއެކު ގަނެފައިވާ ހުރިހާ އޭޓީއާރެއްވެސް އޮޕަރޭޝަންގައި ބޭނުން ކުރަން ފެށުނީއެވެ.

މޯލްޑިވިއަންއިން ދަނީ އެކުންފުނީގެ ފްލީޓުގައި ބޭނުން ކުރަމުންދާ ޑޭޝް އުޅަނދުތަށް ފޭސް އައުޓް ކުރުމުގެ މަސައްކަތް ކުރަމުންނެވެ. އެގޮތުން ކުރިއަށް އޮތް ދެ އަހަރުތެރޭ އިތުރު 5 އޭޓީއާރު ގެނައުމަށް އެކުންފުނިން މަސައްކަތް ކުރަމުންދާ ކަން ވަނީ ހާމަކޮށްފައެވެ.

ޤައުމީ އެއާލައިނުން އެންމެ ފަހުން ގެނައި އޭޓީއާރުތަކަކީ އެތެރޭގެ ޖާގަ ތަނަވަސް ފަސޭހަ މެއިންޓަނަންސް ކުޑަ ޚަރަދު ކުޑަ އުޅަނދުތަކެއް ކަމަށް އެކުންފުނިން ހާމަކުރެއެވެ. އަދި މިއީ މިބާވަތުގެ އެތެރޭގެ އުދުހުންތަކުގައި ބޭނުން ކުރަން އެންމެ ރަނގަޅު އުޅަނދުތަކެއް ކަމަށްވެސް އެކުންފުނިން ވަނީ ބުނެފައެވެ.