Last Updated: May 4, 09:38
Sunday, May 4, 2025
ވިޔަފާރި

ޓޮޔޯޓާގެ 10 އީވީ މޮޑެލެއް ބާޒަރަށް ނެރެނީ

ޓޮޔޯޓާ ކުންފުނީގެ އީވީ މޮޑެލް ކާރެއް / ފޮޓޯ: ރޮއިޓާސް

ޓޮޔޯޓާ ކުންފުނިން 2026 ގެ ނިޔަލަށް އިލެކްޓްރިކް ކާރުގެ 10 މޮޑެލްއެއް ބާޒާރަށް ނެރޭނެ ކަމަށް އެ ކުންފުނިން ބުނެފި އެވެ.

މިކަން އެކުންފުނިން އިއުލާންކުރީ އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގަ އެވެ.

ޖަޕާނުގެ ޓޮޔޯޓާ ކުންފުންޏާ ހަވާލާދީ ރޮއީޓާސްއިން ރިޕޯޓް ކުރާ ގޮތުގައި އެކުންފުނިން މިހާރު ވަނީ އަހަރަކު 1.5 މިލިއަން އެލެކްޓްރިކް ކާރު ވިއްކުމަށް އަމާޒު ހިފާފައެވެ. އެލެކްޓްރިކް ވެހިކަލް މާކެޓަކީ މިހާތަނަށް ދުނިޔޭގެ އެންމެ ބޮޑު އޮޓޮމޯޓިވް ކުންފުންޏަށް ވީ ނަމަވެސް އެހެން ކުންފުނިތަކަށް ވުރެ ފަހަތުގައި އެކުންފިނިން އުޅޭ ދާއިރާއެކެވެ.

އެކުންފުނީގެ އެލެކްޓްރިކް މޮޑެލްތަކުގެ ތަކުގެ ތެރޭ މިވަގުތު ހިމެނެނީ އެންމެ 3 މޮޑެލްއެކެވެ. މީގެ ތެރޭގައި ކުންފުނީގެ މަތީ ފެންވަރުގެ ލެކްސަސް މޮޑެލްވެސް ހިމެނެއެވެ. ނަމަވެސް އެކުންފުންޏަށް މިދިޔަ އަހަރު ދުނިޔޭގެ ބާޒާރުގައި ވިއްކިފައިވަނީ އެލެކްޓްރިކް މޮޑެލްތަކުން އެންމެ 25،000 އުޅަނދެވެ.

އެކުންފުނިން އީވީ މޮޑެލްތައް ނުވަތަ އެލެކްޓްރިކް މޮޑެލްތައް މަދުކަމުން ބައެއް ތިމާވެށި ހިމާޔަތް ކުރާ ޖަމީއްޔާތަކާއި އިންވެސްޓަރުންގެ ފާޑުކިއުންތައް ވަނީ އަމާޒުވެފައެވެ. އަދި ޓެސްލާ ފަދަ ކުންފުނިތަކުން މިހާރު ޓޮޔޯޓާއަށް ވުރެ ބޮޑުތަން ކުރީގައި އުޅޭކަން އެފަރާތްތަކުން ފާހަގަކުރެ އެވެ.

ޓޮޔޯޓާ ކުންފުނީގެ އައު ސީއީއޯ ސަޓޯ ކޯޖީ / ފޮޓޯ: ރޮއިޓާސް

މި ފާޑުކިއުންތަކަށް އެކުންފުނީގެ ޖަވާބަކީ، ބައެއް މާކެޓުތަކަށް އެކުންފުނީގެ ޕްރިއަސް ފަދަ ހައިބްރިޑް މޮޑެލްތައް މާ ބޮޑަށް ކަސްޓަމަރުން ހިތްހަމަޖެހޭ ކަމަށެވެ. އެކުންފުނީގެ ހިންގުމާއި ދާދި ފަހުން ހަވާލުވި ސީއީއޯ ކޯޖީ ސަޓޯ ވިދާޅުވީ އެކުންފުނީގެ އީވީ މޮޑެލްތައް އިތުރުކޮށް މި ގިންތީގައި ކުރިއެރުންތައް ހޯދާނެ ކަމަށެވެ. ނަމަވެސް އަދި ހައިބްރިޑް މޮޑެލްތަކަށް ދޭ އަހަމީއްޔަތު އޮންނާނެ ކަން ވަނީ ފާހަގަ ކޮށްފައެވެ.

މިއާއެކު އެމެރިކާ ކަހަލަ މާކެޓުތަކުގައި ޕްރޮޑަކްޝަން އިތުރު ކުރާނެ ކަން އެކުންފުނިން ވަނީ ހާމަކޮށްފައެވެ.

ޓޮޔޯޓާގެ 1.5 މިލިއަން އީވީ މޮޑެލް 2026 ގެ ނިޔަލަށް ވިއްކުމުގެ އަމާޒަކީ، މާކެޓް ދިރާސާ ކުރާ ތަޖުރިބާކާރުން އަނދާޒާ ކުރިވަރަށް ވުރެ 25 އިންސައްތަ އިތުރު އަދަދެކެވެ. ޖަޕާނުގެ ޓޮޔޯޓާ ކުންފުނީގެ މި އިއުލާނުގެ ކުރީން އެފަރާތްތަކުން އަނދާޒާ ކުރީ އަހަރު 1.2 މިލިއަން އިވީ މޮޑެލް 2026 ނިޔަލަށް އެކުންފުނިން ވިއްކާނެ ކަމަށެވެ.