ޝާހްރުކް ޚާނާ އެކީ އަނެއްކާ ވެސް ލޯބީގެ ފިލްމެއް ކުޅެލަން ވަރަށް ބޭނުންވެފައި ހުރި ކަމަށް ބަތަލާ ރާނީ މުކަރްޖީ ބުނެފި އެވެ.
މިދިޔަ މަހު ރިލީޒްކުރި އޭނަގެ އެންމެ ފަހުގެ ފިލްމު "މިސިޒް ޗެޓަޖީ ވާސަސް ނޯވޭ" ގެ ކާމިޔާބީ ފާހަގަކުރަން ބޭއްވި ހަފުލާގައި ނޫސްވެރިންތަކެއް ކުރި ސުވާލުތަކެއްގެ ޖަވާބުގައި ހުނަރުވެރި ބަތަލާ ބުނީ އުމުރުން 80 އަހަރު ވަންދެން ވެސް ޝާހްރުކާ އެކީ މަސައްކަތް ކުރަން ބޭނުންވާ ކަމަށެވެ.
އެހެންވެ ފިލްމުތަކަށް ވާހަކަ ލިޔާ މީހުން ގާތު އޭނަ އާއި ޝާހްރުކަށް ހާއްސަކޮށްގެން ވަރަށް ރީތީ ލޯބީގެ ވާހަކައެއް ލިޔެދޭން އެދޭ ކަމަށް ވެސް ރާނީ ބުންޏެވެ.
"ނިކަން ބުނެބަލަ ރައިޓަރުން ކައިރީ އަހަރެމެން ދެ މީހުންނަށް ހާއްސަކޮށްގެން ވަރަށް މެޗްއަޑް ލަވް ސްޓޯރީއެއް ލިޔެދޭށޭ." ކާމިޔާބު އެތައް ފިލްމެއް ކުޅެފައިވާ ބަތަލާ ބުންޏެވެ.
ޕްރޮޑިއުސަރު/ޑައިރެކްޓަރު އަދިތިޔާ ޗޯޕްޅާގެ އަންހެނުން ބުނި ގޮތުގައި ޝާހްރުކާ އެކީ މަސައްކަތްކުރުމަކީ އެންމެ އުފާވާ ކަންތައް ވެސް މެ އެވެ.
"އަހަންނަށް އަށްޑިހަ އަހަރު އަދި ޝާހްރުކަށް ނުވަދިހަ ފަސް އަހަރު ވަންދެން ވެސް އަހަރެމެން މި ތިބީ އެކީގައި މަސައްކަތްކުރާ ގޮތަށް،" ރާނީ ބުންޏެވެ. "އަހަރެން އަބަދު ވެސް ބުނާ ވާހަކައެއް ސްކްރީންގައި ޝާހްރުކާ ރޮމޭންސްކުރުމަކީ ވަރަށް ލޯބިކުރާ ކަމެކޭ. އެކަހަލަ ފިލްމެއްގެ އިންތިޒާރުގައި މި ހުންނަނީ."
ޝާހްރުކާއި ރާނީ އަކީ ކުރިން ބޮލީވުޑްގެ ވަރަށް މަގުބޫލު ޖޯޑެކެވެ. މި ދެ ތަރިން އެކީގައި ކުޅުނު ފިލްމުތަކުގެ ތެރޭގައި "ކުޗް ކުޗް ހޯތާ ހޭ"، "ޗަލްތޭ ޗަލްތޭ"، "ޕަހޭލީ"، "ވީރު-ޒާރާ" އަދި "ކަބީ އަލްވިދާ ނާ ކެހެނާ" ހިމެނެ އެވެ.