Last Updated: July 26, 18:11
Sunday, July 26, 2026
މުނިފޫހިފިލުވުން

ކަންގަނާގެ ތައުރީފު ޔާމީ އަށް

ބަތަލާ ޔާމީ ގޯތަމްގެ އެންމެ ފަހުގެ ފިލްމު "ޗޯރް ނިކަލް ކޭ ބާގާ" އަށް ނެޓްފްލިކްސްގައި ލިބެމުން އަންނަ ތަރުހީބާ ގުޅިގެން ބަތަލާ ކަންގަނާ ރަނާވަތު ތައުރީފުކޮށްފި އެވެ.

އިންސްޓަގްރާމްގައި ސްޓޯރީގައި ޔާމީ ޓެގްކޮށް އޭނަ ބުނީ ޔާމީގެ މަސައްކަތް މިހާރު ވަރަށް ރަނގަޅު ކަމަށާއި ހުނަރުވެރި ބަތަލާ އަންނަނީ ފުލުފުލުގައި ކާމިޔާބު ފިލްމުތަކެއް ބެލުންތެރިންނަށް ގެނެސްދެމުން ކަމަށެވެ.

"އަދި މިކަމުން ވަރަށް ހިތްވަރު ލިބޭ. ފިލްމުގެ ޓީމަށް މަރުހަބާ ވެސް ކިޔަން." ކަންގަނާ ބުންޏެވެ.

މިދިޔަ މަހުގެ 24 ގައި ނެޓްފްލިކްސް އިން ސްޓްރީމްކުރަން ފެށި ހެއިސްޓް ތުރިލާ "ޗޯރް ނިކަލް ކޭ ބާގާ" އަކީ ޕްރޮޑިއުސަރު ދިނޭޝް ވިޖަންގެ މެޑޮކް ފިލްމްސް އަށް އަޖޭ ސިންގް ޑައިރެކްޓްކުރި ފިލްމެކެވެ. މީގެ ބަތަލަ ޔާމީއާ އެކީ 2019 ގެ "އުރީ: ދަ ސާޖިކަލް ސްޓްރައިކް" ކުޅުނު އެކްޓަރު ވިކީ ކޯޝަލްގެ ކޮއްކޮ ސަނީ ކޯޝަލް އެވެ. އެ ފިލްމަކީ ޔާމީގެ ފިރިމީހާ އަދިތިޔާ ދާރް ޑައިރެކްޓްކުރި އެއްޗެކެވެ.

"ޗޯރް ނިކަލް ކޭ ބާގާ" ގެ ކާސްޓްގައި ޝަރަދު ކެލްކަރާއި އިންދަރްނީލް ސެންގުޕްތާގެ އިތުރުން ބަރޫން ޗަންދާ ހިމެނެ އެވެ.

މި ފިލްމު ރިލީޒްވި ޔާމީގެ ފިލްމުތަކުގެ ތެރެއިން "ދާސްވީ" އާއި "އަ ތާޒްޑޭ" އަދި "ލޮސްޓް" އަކީ ވެސް އާންމުންގެ ބޮޑު ތަރުހީބެއް ލިބުނު ފިލްމުތަކެވެ.