Last Updated: June 23, 09:20
Tuesday, June 23, 2026
ޚަބަރު

ރައީސާ ދެކޮޅަށް ކެމްޕޭންކުރާ ވަޒީރުން ވަކިކުރަން ޖެހޭ

ރައީސް އިބްރާހީމް މުހައްމަދު ސޯލިހިގެ ކެބިނެޓްގައި ތިއްބަވައިގެން އެ މަނިކުފާނާ ދެކޮޅަށް ކެމްޕޭން ކުރައްވާ ވަޒީރުން މަގާމުން ވަކިކުރަން ޖެހޭ ކަމަށް މަރަދޫ ދާއިރާގެ މަޖިލިސް މެމްބަރު އިބްރާހީމް ޝަރީފު (މަވޯޓާ) ވިދާޅުވެއްޖެ އެވެ.

އޭނަ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ދެ ފަރާތަށް ދެ ފައި ލައިގެން ތިބުމުގެ ފުރުސަރު ވަޒީރުންނަށް ދެވިގެން ނުވާނެ ކަމަށެވެ.

"އެގޮތަށް ތިއްބަވާ މިނިސްޓަރުން އަމިއްލަ އަށް އިސްތިއުފާ ދޭން ޖެހޭ. ނޫނީ ރައީސް އެ މީހުން ވަކިކުރަން ޖެހޭ." މަވޯޓާ ވިދާޅުވި އެވެ.

މިހާރުގެ ސަރުކާރުގެ ކެބިނެޓަކީ ކޯލިޝަންގައި ހިމެނޭ ޕާޓީތަކަށް ނިސްބަތްބާ މިނިސްޓަރުންނެވެ. އޭގެ ތެރޭގައި އެމްޑީޕީގެ އިތުރުން ޖުމްހޫރީ ޕާޓީ އާއި އަދާލަތުފެ އިތުރުން އެމްއާރްއެމް ހިމެނެ އެވެ. މި ޕާޓީތަކުގެ ތެރެއިން ރައީސަށް ދެވަނަ ދައުރެއް ހޯދައިދޭން އެމްޑީޕީއާ އެކީ ކޯލިޝަން ހެދީ އަދާލަތު އެކަންޏެވެ.

އަދި ޖުމްހޫރީ ޕާޓީން ވަނީ ވަކިން އިންތިހާބަށް ނުކުންނަން ނިންމައިފަ އެވެ. އެ ޕާޓީ އަށް ނިސްބަތްވާ ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް ވަނީ ރައީސާ އެކީ ހުންނެވިކަން އިއުލާން ކުރައްވައިފަ އެވެ. ޖޭޕީ އަށް ނިސްބަތްވާ މިނިސްޓަރުންގެ ތެރޭގައި ޓްރާންސްޕޯޓް މިނިސްޓަރުގެ މަގާމުގައި ހުންނެބި އެ ޕާޓީގެ ލީޑަރު ގާސިމްގެ އިބްރާހީމްގެ އަނބިކަނބަލުން އައިޝަތު ނަހުލާގެ އިތުރުން ފިޝަރީޒް މިނިސްޓަރު ޑރ. ހުސައިން ރަޝީދު ހަސަން ހިމެނެ އެވެ.

ޖޭޕީން މިހާރު މަސައްކަތް ކުރަމުން އަންނަނީ ރައީސް ސޯލިހާ ދެކޮޅަށް "ފިކުރެއްގެ ދިރުން" ފެކްޝަން ހައްދަވައިގެން ނުކުތް އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދުގެ ފެކްޝަނާ އެކީގަ އެވެ.