Last Updated: July 15, 18:06
Thursday, July 16, 2026
ޚަބަރު

އަނިޔާވެރި މަރުތަކަށް ހައްލު ލިބޭނީ ގިސާސް ހިފައިގެން

އަނިޔާވެރި މަރުތަކަށް ހައްލު ލިބޭނީ ގިސާސް ހިފައިގެން ކަމަށް ދީނީ އިލްމުވެރިޔާ ޝައިހް އަލީ ޒައިދު ވިދާޅުވެއްޖެ އެވެ.

ޒައިދު ކުރެއްވި ޓުވިޓެއްގައި ވިދާޅުވީ މަނަދޫގައި ރަޙުމްކުޑަކޮށް މުސްކުޅި އަންހެން ބޭފުޅަކު މަރާލިވާހަކަ އަޑުއެހީ ކުއްލި ޙައިރާންކަމާ ސިހުމާއެކުގައި ކަމަށާއި އެއްވެސް ނަފްސެއް ނުޙައްޤުން މަރާލުމަކީ އެންމެހާ މީސްތަކުން މަރާލުން ފަދަ ކަމެއް ކަމަށް ދީނުގައި އަންގަވާފައިވާ ކަމަށެވެ.

އަދި ލާއިންސާނީ އަނިޔާވެރި މަރުތަކަށް ދާއިމީ ސިފައެއްގައި ހައްލު ލިބިގެންދާނީ ރާއްޖޭގައި ގިސާސްގެ ހުކުމް ތަންފީޒު ކުރެވިގެން ކަމަށް ދެކިވަޑައިގަންނަވާ ކަމަށް ވެސް ޝައިހް ވިދާޅުވި އެވެ.

މަނަދޫ އަންނާރުމާގޭ ނައީމާ މޫސާ، 62، މަރާލި މައްސަލައިގެ ތަހުގީގަށް ފުލުހުންގެ ޓީމަކުން މިހާރު އަންނަނީ އެ ރަށުގައި ހަރަކާތްތެރިވަމުންނެވެ. މި މަރާ ގުޅިގެން ބަލަން ޖެހޭ ކަންކަން ބެލުމަށްޓަކައި ހުއްދަ ނުހޯދައި އެ ރަށަށް މީހުން އެރުމާއި ފޭބުން ކައުންސިލުން މަނާކޮށްފައިވެ އެވެ.

އެކަނި ދިރިއުޅެމުން އައި ނައީމާ އަކީ މަނަދޫ ކައުންސިލްގެ މުނިސިޕަލް މުވައްޒަފެކެވެ. އެނގިފައިވާ ގޮތުގައި ތިން ކުދިން ތިބި ނައީމާގެ ދަރިން އުޅެނީ މާލޭގަ އެވެ.