ރާއްޖޭގެ އެންްމެ ބޮޑު ހިޔާނާތް ކަމަށްވާ އެމްއެމްޕީއާރްސީގެ ހިޔާނާތުން މަންފާ ލިބުނު ކަމަށް ބުނާ ޔޫތު މިނިސްޓަރު އަހުމަދު މަހްލޫފުގެ މައްޗަށް ކުރާ ކޮރަޕްޝަންގެ ދައުވާ އަނބުރާ ގެންނަން ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީސް ޕީޖީ) އޮފީހުން ނިންމައިފި އެވެ.
އޭނަގެ މައްޗަށް ދައުލަތުން ދައުވާ ކުރީ ސްޕެޝަލް އިކޮނޮމިކް ޒޯން އެސްއީޒެޑް) ގެ ބިލަށް ވޯޓު ދިނުމުގެ މުގާބިލްގައި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ އަތުން ރިޝްވަތުގެ ގޮތުގައި 33،000 ޑޮލަރު ހޯދި ކަމަށް ބުނެ އެވެ.
މަހްލޫފަށް ކުރާ ދައުވާ އަނބުރާ ގެންދަން ނިންމީ މިހާރު މައްސަލަ އޮތް ހިސާބުން އަލުން މުރާޖައާކޮށް ބެލިއިރު މިއީ ރިޝްވަތުގެ ގޮތުގައި ލިބުނު ފައިސާއެއް ކަމަށް ސާބިތުކޮށްދެވޭނެ ކަމަށް ނުބެލެވޭ ކަމަށް އެނގިފައިވެ އެވެ. ނަމަވެސް މިކަމާ ގުޅިގެން ރަސްމީކޮށް އަދި ޕީޖީ އޮފީހުގެ ބަހެއް ނުލިބެ އެވެ.
ލިބުނު ފައިސާ އަކީ މަހްލޫފްގެ އަމިއްލަ ފައިސާއެއް ކަމަށާއި އެ ބޭނުންކުރި ގޮތާއި ރިޝްވަތުގެ އަމަލަކާ ނުގުޅުވޭނެ ކަމަށް ދިފާއުގައި މަހްލޫފް ވިދާޅުވެފައިވެ އެވެ. އޭނަގެ މައްޗަށް ދައުވާކުރަން ޕީޖީ އޮފީހަށް ފޮނުވުމުން މަގާމުން ކުރިން ސަސްޕެންޑް ވެސް ކުރި އެވެ. އެކަމަކު ދައުވާކުރުން ލަސްވެގެން ކަމަށް ބުނެ ސަަސްޕެންޝަން ފަހުން އުވާލި އެވެ.
މައްސަލަ އަލުން ބަލަން ހައި ކޯޓުން ހުކުމް ކުރުމުން ކްރިމިނަލް ކޯޓުގައި ޝަރީއަތްތައް ފެށި ނަމަވެސް މި މައްސަލާގައި ވަރަށް ގިނަ އަޑުއެހުންތައް ދައުލަތުން އެދިގެންނާއި އެކި ސަބަބުތަކާ ހެދި ކެންސަލްކޮށްފައިވެ އެވެ.