އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭ އެވަޓަން އަތުން 2-0 އިން މެންޗެސްޓާ ޔުނައިޓެޑް މޮޅުވިއިރު، ޗެލްސީގެ ކޯޗުކަމާ ވަގުތީ ގޮތުން ހަވާލުވި ކޯޗު ފްރޭންކް ލަމްޕާޑްގެ އިރުޝާދުގެ ދަށުން އެ ޓީމު ކުޅުނު ފުރަތަމަ މެޗުން ވުލްވްސް އަތުން 1-0 އިން ބަލިިވެއްޖެ އެވެ.
ވުލްވްސް ދަނޑުގައި މިރޭ ކުޅުނު މެޗުގެ ހަމައެކަނި ގޯލު އެ ޓީމަށް ޖަހައިދިނީ މެޗުގެ 31 ވަނަ މިނިޓްގައި މަތެއުސް ނޫނޭޒް އެވެ. މިއީ ޗެލްސީގެ އޭރިއާތެރޭގައި ހުރެ ފޮނުވާލި ބާރު ހަމަލާއަކުން ކާމިޔާބުކުރި ގޯލެކެވެ.
ލަމްޕާޑާ އެކު ޗެލްސީ ފުރަތަމަ މެޗުން ބަލިވިއިރު އެ ޓީމު އޮތީ 30 މެޗުން 39 ޕޮއިންޓާ އެކު ލީގުގެ 11 ވަނައިގަ އެވެ. ލީގު މެޗަކުން ޗެލްސީ އެންމެފަހުން މޮޅުވީ މިދިޔަ މަހުގެ 11 ވަނަ ދުވަހު އެވެ.
އަމިއްލަ ދަނޑުގައި ކުޅުނު ޔުނައިޓެޑުން ފުރަތަމަ ހާފު ނިންމާލީ ސްކޮޓް މެކްޓޮމިނޭ ޖެހި ގޯލުންނެވެ. މި ހާފުގައި ޔުނައިޓެޑުން 21 ޝޮޓް ހެދިއިރު ޔުނައިޓެޑުން ފޮނުވާލި ގިނަ ހަމަލާތައް އެވަޓަންގެ ގޯލްކީޕަރު ޖޯޑަން ޕިކްފޯޑް ވަނީ މަތަކޮށްފަ އެވެ.
މެޗުގެ 71 ވަނަ މިނިޓްގައި ޔުނައިޓެޑަށް ލީޑުފުޅާކޮށްދިން ގޯލު ޖެހީ އެންތަނީ މާޝިއަލް އެވެ. މިއީ ޑިސެމްބަރުގެ ފަހުން މާޝިއަލްގެ ފުރަތަމަ ގޯލެވެ. މި މެޗުން ޔުނައިޓެޑް މޮޅުވިއިރު އަނިޔާގެ ސަބަބުން ދެވަނަ ހާފްގައި މާކަސް ރަޝްފޯޑް ވަނީ ބާލާފަ އެވެ.
މި މޮޅާއެކު 29 މެޗުން 56 ޕޮއިންޓް ހޯދައިގެން ޔުނައިޓެޑް އޮތީ ލީގުގެ ހަތަރުވަނައިގަ އެވެ. ލީގުގެ ތިންވަނައިގައި އޮތް ނިއުކާސަލް ޔުނައިޓެޑުން މިރޭ ވަނީ ފަހަތުން އަރައި، 2-1 އިން ބްރެންޓްފޯޑް ބަލިކޮށް 29 މެޗުން 56 ޕޮއިންޓް ހޯދައިފަ އެވެ. ނިއުކާސަލް އަށް ތިންވަނަ ލިބެނީ ގޯލުގެ ތަފާތުންނެވެ.