Last Updated: June 8, 10:34
Monday, June 8, 2026
ޚަބަރު

ސީއެމްޑީއޭގައި ރެޖިސްޓަނުވާ ފަންޑަކަށް އިންވެސްޓް ނުކުރޭ

ސީއެމްޑީއޭ ސީއީއޯ މުހައްމަދު ހުސެއިން މަނިކް / ފޮޓޯ: ސަން

ސީއެމްޑީއޭގައި ރެޖިސްޓަނުކުރާ ފަނޑުތަކަށް އިންވެސްޓް ނުކުރުމަށް ކެޕިޓަލް މާކެޑް ޑިވެލޮޕްމެންޓް އޮތޯރިޓީ (ސީއެމްޑީއޭ) އިން އަނެއްކާ ވެސް އިލްތިމާސްކޮށްފި އެވެ.

ސީއެމްޑީއޭ އިން މިފަދަ އިލްތިމާސެއް އަނެއްކާވެސް ނެރެފައި މިވަނީ، ރާއްޖޭގައި އިންވެސްޓް ކޮށްގެން ގިނަ ލާރި ހޯދައިދޭނެ ކަމަށް ބުނާ ސްކީމްތަކެއް ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ދުވަސްވަރެއްގައެވެ. މީގެ ކުރީންވެސް މިފަދަ ސްކީމެއް ހިންގާ ކަމަށް ބުނެ، ސީއެމްޑީއޭއިން ވަނީ ކުރީ މެންބަރު އަލްހާން ފަހުމީގެ ކުންފުނިން ހިނގަމުންދިޔަ ސްކީމެއް ހުއްޓުވާފައެވެ.

ސީއެމްޑީއޭއިން ބުނެފައިވަނީ ދިވެހި ރާއްޖޭގެ މާލީ ސެކިއުރިޓީޒްއާއި ބެހޭ ޤަނޫނުގެ ދަށުން މިފަދަ ފަންޑް ރައިޒްކޮށްގެން ހިނގާ އިންވެސްޓްމެންޓް ފަނޑެއް ހިންގޭނީ ސީއެމްޑީއޭގައި ރެޖިސްޓަރ ކޮށްގެން ކަމަށެވެ. މި ޤާނޫނުގެ ދަށުން ފަނޑު ހިންގުމާއި، އިންވެސްޓް ކުރުމަށް ލަފާ ދިނުމާއި، ފަނޑް މެނޭޖްކޮށްދިިނުމުގެ ޙިދުމަތަކީ އެ އިދާރާއިން ލައިސެންސް ނަގައިގެން ނޫނީ ކުރުން މަނާ ކަންކަން ކަމަށެވެ. އަދި މިފަދަ ކަމެއް ދޭހަވާ ގޮތަށް ސޯޝަލް މީޑިއާގައި އިސްތިހާރުކޮށް އެފަދަ ކަމެއް ދޭހަވާ ގޮތަށް މަސައްކަތް ކުރުމަކީ ޤާނޫނާއި ހިލާފް ކަމެއް ކަމަށެވެ.

ސީއެމްޑީއޭއިން ބުނި ގޮތުގައި ދިވެހިރާއްޖޭގެ ހިއްސާގެ ބާޒާރާއި، ސެކިއިރީޓީޒް ޚިދުމަތް ފޯރުކޮށްދީ ރެގިއެލޭޓް އިންވެސްޓަރުންގެ މަސްލަހަތު ހިފަހައްޓައި ސެކިއުރިޓީޒް މުޢާމަލާތްތަކުގައި ނޭދެވޭ ޢަމަލުތައް ކުރިއަ ނުދިނުމަކީ އެއިދާރާގެ މަސްއޫލީއްޔަތެއް ކަމަށެވެ. އެގޮތުން އިންވެސްޓްމެންޓް ފަނޑު ހިނގުމާއި، އިންވެސްޓްމެންޓަށް ލަފާ ދިނުމާއި މެނޭޖް ކުރުމަށް ސީއެމްޑީއޭއިން ވަކި ލައިސަންސެއް ނަގަން ޖެހޭކަން ވަނީ ފާހަގަކޮށްފައެވެ. އެހެން ކަމުން އެފަދަ ފަނޑެއް ފާހަގަ ވެއްޖެނަމަ އެއީ އެ އޮތޯރިޓީގައި ރެޖިސްޓަރ ވެފައިވާ ފަރާތެއްތޯ ޔަޤީން ކުރުމަށް ސީއެމްޑީއޭއިން ވަނީ އިލްތިމާސްކޮށްފައެވެ.

ސީއެމްޑީއޭގައި ރެޖިސްޓްރީވެ ލައިސެންސް އޮތް ފަރާތެއްތޯ އެއިދާރާގެ ވެބްސައިޓުން ބަލާ ލެވޭނެއެވެ. އަދި އެފަދަ ކަމެއް ކުރާކަން ފާހަގަވެއްޖެ ނަމަ ވަގުތުން އެ އޮތޯރިޓީއަށް ރިޕޯޓް ކުރުމަށް ވަނީ އެދިފައެވެ. ރިޕޯޓް ކުރާނީ [email protected] އަށެވެ.