Last Updated: July 15, 18:06
Thursday, July 16, 2026
ކުޅިވަރު

ހާލަންޑް ހުރީ ރޮނާލްޑޯ އާއި މެސީއާ އެއް ލެވެލެއްގައި

މެންޗެސްޓާ ސިޓީގެ ފޯވާޑް އާލިން ހާލަންޑް މިހާރު ހުރީ ލިއޮނަލް މެސީ އާއި ކްރިސްޓިއާނޯ ރޮނާލްޑޯއާ އެއް ލެވެލެއްގައި ކަމަށް ސިޓީގެ ކޯޗު ޕެޕް ގާޑިޔޯލާ ބުނެފި އެވެ.

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ސިޓީން 4-1 އިން ސައުތެމްޓަން ބަލިކުރި އިރު އެ މެޗުގައި ހާލަންޑް ވަނީ ދެ ގޯލު ޖަހައިފަ އެވެ. މި ދެ ގޯލާ އެކު ލީގުގައި ހާލަންޑް ކާމިޔާބުކުރި ގޯލުގެ އަދަދު މިހާރު ވަނީ 30 އަށް އަރައިފަ އެވެ. ހާލަންޑް 30 ގޯލު ކާމިޔާބު ކުރީ ލީގުގައި ކުޅުނު 27 މެޗުންނެވެ.

ހާލަންޑް ،22، ސިޓީއާ ގުޅުނީ މިދިޔަ ޖުލައި މަހު ބްރޫޝިއާ ޑޯޓްމަންޑުން 51.2 މިލިއަން ޕައުންޑަށެވެ. ހާލަންޑް ވަނީ މި ސީޒަނުގައި ސިޓީ އަށް ޖުމްލަ 44 ގޯލު ކާމިޔާބުކޮށްދީފަ އެވެ.

ރޭގެ މެޗަށްފަހު ނޫސްވެރިންނާ ވާހަކަދައްކަމުން ގާޑިޔޯލާ ބުނީ ފާއިތުވި 20 އަހަރުތެރޭ ރޮނާލްޑޯ އާއި މެސީގެ މޮޅު ކުޅުން ފެނިގެންދިޔަ ކަމަށާއި ގޯލު ޖެހުމުގެ ގޮތުން ބަލާއިރު ހާލަންޑް މިހާރު ހުރީ އެ ދެ ކުޅުންތެރިންނާ އެއް ލެވެލެއްގައި ކަމަށެވެ. ހާލަންޑަކީ ސިޓީ އަށް އެންމެ ރަނގަޅަށް ނުކުޅެވޭ މެޗުތަކުގައި ވެސް ގޯލު ކާމިޔާބުކުރާ ކުޅުންތެރިއެއް ކަމަށާއި ސިޓީގެ އިސްވެރިން އޭނާ ގެނައީ ވެސް އެ ސަބަބާއި ހުރެ ކަމަށް ގާޑިޔޯލާ ބުންޏެވެ.

މެސީ އާއި ރޮނާލްޑޯ ފުޓްބޯޅަ ޑޮމިނޭޓް ކުރީ 20 އަހަރަށް ކަމާއި އެންމެ އަހަރަކަށް ނޫންކަން ހާލަންޑަށް ވެސް އެނގޭނެ ކަމަށް ގާޑިޔޯލާ ބުންޏެވެ. އަދި ހާލަންޑަކީ އަދި ޒުވާން ކުޅުންތެރިއެއް ކަމަށާއި ދުނިޔޭގެ އެންމެ އުނދަގޫ ލީގުގައި އޭނާ ކުރަމުންދަނީ ތަފާތު ކަމެއް ކަމަށްވެސް ގާޑިޔޯލާ ބުންޏެވެ.