ޔާޝްރާޖް ފިލްމްސް (ވައިއާރްއެފް) ގެ "ވޯ" ގެ ސީކްއެލްގެ ބަތަލާ އަކީ އާލިއާ ބަޓް ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
ނަމަވެސް މި ފިލްމާ ބެހޭ އެއްވެސް ވާހަކައެެއް އެ ސްޓޫޑިއޯ އިން އަދި ރަސްމީކޮށް އިއުލާނެއް ނުކުރެ އެވެ. ބައެއް މީޑިއާތަކުން ބުނި ގޮތުގައި އާލިއާގެ އިތުރުން "ބަންޓީ އޯރް ބަބްލީ 2" ގެ ރޯލެއް ކުޅުނު ޝަރްވާރީ ވާގް ގެނައުމާ މެދު ވިސްނާފައިވެ އެވެ.
މިދިޔަ ހަފުތާގައި މީޑިއާތަކުން ބުނީ 2019 ގައި ޑައިރެކްޓަރު ސިދާތު އާނަންދު ގެނެސްދިން "ވޯ" ގެ ސީއެލްއެލްގައި މި ފަހަރު ރިތިކް ރޯޝަނާ އެކީ ތެލެގޫ އެކްޓަރު އެންޓީއާރް ޖޫނިއާ ވެސް މުހިއްމު ރޯލެއް ކުޅޭނެ ކަމަށާއި ފިލްމުގެ ޑައިރެކްޓަރަކީ އަޔާން މުކަރްޖީ ކަމަށެވެ.
އޭނަ އަކީ މިދިޔަ އަހަރު ރިލީޒްކުރި އާލިއާ އާއި ފިރިމީހާ ރަންބީރް ކަޕޫރްގެ "ބުރައްމަސްތުރާ" ގެ ޑައިރެކްޓަރެވެ. "ވޯ 2" ވާނީ ވައިއާރްއެފްގެ ފިލްމެއް އަޔާން ޑައިރެކްޓްކުރާ ފުރަތަމަ ފަހަރަށެވެ. އަދި މި ފިލްމު ވާނީ އެ ސްޓޫޑިއޯގެ ފިލްމެއް އާލިއާ ކުޅޭ ފުރަތަމަ ފަހަރަށެވެ.
"ވޯ 2" ގެ ކާސްޓްގައި ހިމެނޭ އެންޓީއާރް އަކީ އާލިއާ ބަތަލާގެ ރޯލު ކުޅުނު މިދިޔަ އަހަރުގެ "އާރްއާރްއާރް" އެއް ބަތަލެވެ. އެކަމަކު މިހާތަނަށް އަދި ރިތިކާ އެކީ ހުނަރުވެރި ބަތަލާ މަސައްކަތްކޮށްފައެއް ނުވެ އެވެ. އެހެންވެ "ވޯ 2" ގެ ބަތަލާގެ ރޯލުން އާލިއާ ފެނުން ވާނީ ވަރަށް ވެސް ހާއްސަ ކަމަކަށެވެ.
ރިތިކާއި ޓައިގާ ޝްރޮފް މުހިއްމު ރޯލެއް ކުޅުނު "ވޯ" ގެ ބަތަލާ އަކީ ވާނީ ކަޕޫރެވެ. އެކަމަކު އެއީ ފިލްމުގައި މާ ބޮޑު ދައުރެއް ނެތް، ވަރަށް ކުރު ރޯލެކެވެ.
"ވޯ 2" ގެ ބަތަލާ އަކީ އާލިއާ ކަމަށް މީޑިއާތަކުން ބުނެފައިވާ އިރު، މިދިޔަ އަހަރު އަލަތު ދަރިފުޅު ވިހޭ ފަހުން 30 އަހަރުގެ ބަތަލާ އާ ފިލްމަކަށް ސޮއެއް ނުކުރެ އެވެ. އެކަމަކު އާލިއާގެ ދެ ފިލްމެއް މި އަހަރަށް އެބައޮތެވެ. އެއީ ޖުލައި 28 ގައި ގެނެސްދޭ "ރޮކީ އޯރް ރާނީ ކީ ޕްރޭމް ކަހާނީ" އާއި އޮގަސްޓް 11 ގައި ގެނެސްދޭނެ ހޮލީވުޑްގެ ފިލްމު "ހާޓް އޮފް ސްޓޯން" އެވެ.