Last Updated: June 23, 09:20
Tuesday, June 23, 2026
ޚަބަރު

އެމްއާރްއެމުން މިހާރު އުޅެނީ ސައިޒް އޮޅިގެން

ތިންހާސް މެމްބަރުން ވެސް ހަމަނުވާ ޕާޓީ، އެމްއާރްއެމަށް ކޯލިޝަން ހަދަން ދައުވަތު ދިނުމުން މިހާރު ލައްކައެކޭ ހީވެ، ސައިޒް އޮޅިގެން އުޅޭ ކަމަށް ވިދާޅުވެ އެ ޕާޓީ އަށް މަރަދޫ ދާއިރާގެ މަޖިލިސް މެމްބަރު އިބްރާހީމް ޝަރީފު (މަވޯޓާ) ފާޑު ވިދާޅުވެއްޖެ އެވެ.

މި އަހަރުގެ ރިޔާސީ އިންތިހާބަށް އެމްޑީޕީއާ އެކީ ކޯލިޝަން ހަދަން ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ދައުވަތު ދެއްވުމުން އެކަމާ ގޮތެއް ނުނިންމައި ދިގު ދަންމާތީ ހިތްހަމަޖެހިވަޑައި ނުގެން މަވޯޓާ ވިދާޅުވީ މަޖިލީހުގައި މެމްބަރަކު ވެސް ނެތް ކުޑަ ޕާޓީ އަށް މިހާރު ހީވެގެން އުޅެނީ ލައްކައެކޭ ކަމަށެވެ.

"ކޯލިޝަން ހަދަން ދައުވަތެއް ލިބުނީމަ ބޮޑާވެ، ކިބުރުވެރި ވަނީ. ބޮޑާހާކާ ޕާޓީތަކުގެ ތެރޭގައި ނެތް މިހާރު ފަނަރަސަތޭކަ ވޯޓް ވެސް ހޯދައި ދެވޭނެ ވަރުގެ ބަޔަކު." އޭނަ ވިދާޅުވި އެވެ.

ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ އެމްއާރްއެމަކީ މިހާރު ސަރުކާރުގެ ކޯލިޝަން ބައިވެރިއެކެވެ. ޕާޓީގެ އެކިއެކި މެންބަރުން ސިޔާސީ މަގާމުތަކުގައި އެބަތިއްބެވެ. އޭގެ ތެރޭގައި ދެ ވަޒީރަކު ވެސް ހިމެނެ އެވެ.

އެމްއާރްއެމުން ރައީސް ސޯލިހަށް ތާއީދުކުރުމާ މެދު ގޮތެއް ނުނިންމައި ދިގު ދަންމާ އިރު، ދާދި ފަހުން އެ ޕާޓީގެ ރައީސް އަދި މައުމޫންގެ ދަރިކަލުން ފާރިސް މައުމޫން ވިދާޅުވެފައި ވަނީ ކޯލިޝަން ހެދުމާ މެދު ގޮތެއް ނިންމާނީ ވަރަށް ވިސްނާފައި ކަމަށާއި އިންތިހާބަށް ނުކުންނަން ޖެހޭ ހާލަތެއް އަތުވެއްޖެ ނަމަ އެކަމަށް ވެސް އެމްއާރްއެމް ތައްޔާރު ކަމަށެވެ.

އިންތިހާބުގައި ވަކިން ވާދަކުރަން ނިންމާފައިވާ ޖުމްހޫރީ ޕާޓީ އާއި އެމްއާރްއެމުން ވެސް ދާދި ފަހުން މަޝްވަރާތަކެއް ކުރި އެވެ.