Last Updated: June 8, 10:34
Monday, June 8, 2026
ވިޔަފާރި

ބައިނޭންސްއާ ގުޅެން އެމެރިކާގެ ބޭންކުތައް ފަސްޖެހެނީ

ދުނިޔޭގެ އެންމެ ބޮޑު ކްރިޕްޓޯ އެކްސްޗޭންޖް ކުންފުނި ބައިނޭންސްއާއި އެކު އެމެރިކާގައި މަސައްކަތް ކުރާނެ ބޭންކެއް ހޯދުމަށް އެކުންފުންޏަށް ދަތިތަކާއި ކުރިމަތިލާން ޖެހިއްޖެ އެވެ.

ބައިނޭންސް ކުންފުނިން އެމެރިކާގައި މީގެ ކުރީން މަސައްކަތް ކުރަމުންއައީ ކްރިޕްޓޯ އާއި ރައްޓެހި ބޭންކުތަކެއް ކަމަށްވާ ސިގްނޭޗަރ ބޭންކްއާއި ސިލްވާގޭޓް ކެޕިޓަލް ކޯ އެވެ. މި ދެ ބޭންކުވެސް ވަނީ ކްރިޕްޓޯ މާކެޓުގައި ހުރި ހިރާސްތަކާއި ހެދި ބޭންކުގެ ކަސްޓަމަރުން ބޮޑު އަދަދުން ފައިސާ ނެގުމުގެ ސަބަބުން ބަނދު ކުރަން މަޖުބޫރުވެފައެވެ. މިއާއެކު ބައިނޭންސް އެކައުންޓުތަކުގައި ހުރި ކަސްޓަމަރުންގެ ފައިސާ ކަސްޓަމަރުންނަށް ފޯރުކޮށްދޭނެ ބޭންކެއް ހޯދަން ބައިނޭންސަށް މިހާރު ވަނީ މަޖުބޫރުވެފައެވެ.

ބައިނޭންސް ކުންފުނިން ކަސްޓަމަރުންނަށް ފައިސާ ދޭން އެކުގައި މަސައްކަތް ކުރަން ގިނަ ބޭންކުތަކުން ބޭނުން ނުވަނީ މާލީ ރެގިއުލޭޓަރުންގެ މައްސަލަ ކުރިމަތިވުމުގެ ފުރުސަތު އޮތުމުން ކަމަށް ވޯލް ސްޓްރީޓް ޖާނަލްއިން ރިޕޯޓް ކުރެއެވެ. މިގޮތުން ކްރޮސް ރިވާ ބޭންކާއި، ކަސްޓަމަރ ބޭންކް ކޯޕާއި ގުޅުމަށް އެކުންފުނިން މަސައްކަތް ކުރި ކަމަށް ވޯލް ސްޓްރީޓް ޖާނަލް އިން ވަނީ ރިޕޯޓްކޮށްފަ އެވެ.

މިމައްސަލާގައި ބައިނޭންސް ކުންފުނިން ސާދާ ޖަވާބެއް ދީފައި ނުވި ނަމަވެސް، އެކުންފުނީގެ ސްޕޯކްސްޕާސަންއެއް ވޯލް ސްޓްރީޓް ޖާނަލްއަށް މައުލޫމާތު ދެމުން ބުނެފައިވަނީ މީގެ ކުރިންވެސް އެމެރިކާގެ ބޭންކުތަކާޢި އެކު މަސައްކަތް ކަމިޔާބުކަމާއި އެކު ކުރެވުނު ކަމަށާއި، އިތުރު ޕާޓްނަރުން ހޯދުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި އެކުންފުނިން ދޭ ޚިދުމަތް ފުޅާކުރުމަށް ބަލަމުންދާ ކަމަށެވެ.

މިދިޔަ މަހު އެމެރިކާގެ ކޮމޯޑިޓީ ފިއުޗަރ ޓްރޭޑިންގް ކޮމިޝަނުން ވަނީ ބައިނޭންސް ކުންފުންޏާއި އެކުންފުނީގެ ސީއީއޯ އަދި ކޮމްޕްލައެންސް އެގްޒެކެޓިވް އާއި ދެކޮޅަށް ދައުވާ ކޮށްފައެވެ. އެ ކޮމިޝަނުން ދައުވާ ކުރީ ޢައިރު ޤާނޫނީ އެކްސްޗޭންޖެއް ހިނގާކަމާއި މީހުންނަށް އޮޅުވާލައި ކޮމްޕްލައެންސް ހިނގާކަމުގެ ދައުވާއެވެ. މި ދައުވާއި ގުޅިގެން ބައިނޭންސްގެ އިންވެސްޓަރުން ވަނީ 1.6 ބިލިއަން ޑޮލަރު ނަގާފައި ކަމަށް ރޮއިޓާސް އިން ރިޕޯޓް ކުރެއެވެ.