Last Updated: July 26, 18:11
Sunday, July 26, 2026
މުނިފޫހިފިލުވުން

ޓޭލާ އާއި އަލްވީން ރުޅިވެއްޖެ

ރައްޓެހިވެގެން އުޅޭތާ ހަ އަހަރު ފަހުން އެމެރިކާގެ މަޝްހޫރު ލަވަކިޔުންތެރިޔާ ޓޭލާ ސްވިފްޓާއި އިނގިރޭސި އެކްޓަރު ޖޯ އަލްވީން ރުޅިވެއްޖެ އެވެ.

މި ވާހަކަ ވަރަށް ގިނަ މީޑިއާތަކުން މިއަދު ރިޕޯޓްކުރި ނަމަވެސް އެ ދެ ތަރިން އެކަމާ ބެހޭ ގޮތުން އެއްވެސް ވާހަކައެއް ނުދައްކަ އެވެ. ޓޭލާ އާއި އަލްވީން ރުޅިވެފައި މި ވަނީ އެ މީހުން ކައިވެނިކުރަން ވެސް ޕްލޭންތަކެއްކޮށްފައިވާ ކަމަށް ކުރިން އަޑު އަރާފައި ވަނިކޮށެވެ.

ނަމަވެސް އެ ގުޅުން މިހާރު ނިމުމަކަށް އައިކަން ކަށަވަރު ކަމަށާއި އެކަމަކު ސަބަބެއް ސާފުނުވާ ކަމަށް ބައެއް މީޑިއާތަކުން ބުންޏެވެ. ޓޭލާ އާއި އަލްވީން ދިމާވީ 2016 ގެ މެޓް ގާލާއިންނެވެ. އަދި އެ ދެ މީހުން ޑޭޓްކުރަން ފެށީ 2017 ގަ އެވެ.

އޭގެ ފަހުން ޓޭލާ އާއި އަލްވީންގެ ގުޅުން ކުރިން ވަރަށް ސީރިއަސް އެވެ. އެކަމަކު އެ މީހުން އެ ގުޅުމާ ބެހޭ ގޮތުން މީޑިއާތަކުގައި އެއް އިރެއްގައި ވެސް ފާޅުގައި ވާހަކައެއް ނުދައްކަ އެވެ. އަދި އެކަމާ ބެހޭ ގޮތުން ސުވާލުކުރުމުން "ދަ ލާސްޓް ލެޓާ ފްރޮމް ޔޯ ލަވާ" އާއި "ސްޓާސް އެޓް ނޫން" ފަދަ ފިލްމުތައް ކުޅެފައިވާ 32 އަހަރުގެ އެކްޓަރު ބުނެފައި ވަނީ އެ މީހުންގެ ގުޅުމަކީ އަމިއްލަ ކަމެއް ކަމަށާއި އެއީ އާންމު ތަންތާނގައި ވާހަކަ ދައްކަން ޖެހޭ ކަމެއް ނޫން ކަމަށެވެ.

އަލްވީންއާ ރުޅިވި އިރު ޓޭލާ، 32، އުޅެނީ އޭނަގެ "އިރާސް ޓުއާ" ގައި ބިޒީކޮށެވެ.

ޓޭލާ ކުރިން ރައްޓެހިވި މީހުންގެ ތެރޭގައި އިނގިރޭސި އެކްޓަރު ޓޮމް ހިޑެލްސްޓަނާއި އިނގިރޭސި ޑީޖޭ/ޕްރޮޑިއުސަރު ކަލްވިން ހެރިސް އަދި އެމެރިކާގެ އެކްޓަރު ޖޭކް ޖިލެންހާލް ހިމެނެ އެވެ.