އިރާންގައި ބުރުގާ ނާޅައި އުޅޭ މީހުން ފާހަގަކޮށް އެފަދަ މީހުން ހޯދުމަށްޓަކައި އާންމު ހުރިހާ ތަންތަނެއްގައި ކެމެރާ ހަރުކުރަން ނިންމައި އެ މަސައްކަތް ފަށައިފި އެވެ.
މިކަމާ ގުޅޭ ގޮތުން އިރާންގެ ފުލުހުން ނެރުނު ބަޔާނެއްގައި ބުނީ ބުރުގާ ނާޅައި އަންހެނުން ބޭރު ތެރޭގައި އުޅުމަކީ އިރާންގެ މަނާ ކަމެއް ކަމަށާއި އެކަން ތަންފީޒުކުރުމަށްޓަކައި ކުރަން ޖެހޭ ކޮންމެ ކަމެއް ކުރާނެ ކަމަށެވެ. އެގޮތުން އާންމު ހުރިހާ ތަންތަނެއްގައި މިހާރު "ސްމާޓް" ކެމެރާ އިންސްޓޯލްކުރަމުން އަންނަ ކަމަށާއި އެ ކެމެރާތަކުގެ އެހީގައި ބުރުގާ ނާޅައި އުޅޭ މީހުން ހޯދައި، އެ މީހުންނާ މެދު ގާނޫނީ ގޮތުން އަޅަން ޖެހޭ ފިޔަވަޅުތައް އަޅާނެ ކަމަށް ބުންޏެވެ.
ފުލުހުން ބުނި ގޮތުގައި އާންމު ތަންތާނގައި ކެމެރާތައް ހަރުކުރުމުގެ އިތުރަށް ބުރުގާ އެޅުމާ ބެހޭ ގާނޫނަށް ތަބާވުމަށާއި އެކަމާ ގުޅޭ މެސެޖްތައް ލިބޭނެ ވަސީލަތްތައް ވެސް އާންމު ތަންތާނގައި ބަހައްޓާނެ އެވެ.

އިރާންގައި ބުރުގާގެ މައްސަލަ މި ފަހުން ބޮޑުވެފައި ވަނީ ބުރުގާ ނާޅައި އުޅުނު މަހްސާ އަމީނީ ކިޔާ 22 އަހަރުގެ މީހަކު މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގައި ހައްޔަރުކޮށްފައި ވަނިކޮށް މަރުވުމާ ގުޅިގެންނެވެ. އެކަމާ ގުޅިގެން މުޅި އިރާންގައި ސަރުކާރާ ދެކޮޅަށް މުޒާހަރާތައް ފެށި އެވެ. އެ މުޒާހަރާތަކާ ގުޅިގެން މިހާތަނަށް އެތައް ބަޔަކު ހައްޔަރުކޮށް، ދައުވާކޮށް ބައެއް މީހުންނަށްނަށް ހުކުމް ވެސް ތަންފީޒުކޮށްފައިވެ އެވެ. އޭގެ ތެރޭގައި މަރުގެ ހުކުމް ވެސް ހިމެނެ އެވެ.
އިރާންގެ އާންމު ތަންތާނގައި ބުރުގާ ނާޅައި އުޅޭ މައްސަލަ ހައްލުކުރަން ކެމެރާތައް ހަރުކުރަން ފެށި އިރު، މިދިޔަ ހަފުތާގެ ތެރޭގައި ފިހާރައެއްގެ ތެރޭގައި ބުރުގާ ނާޅައި އުޅުނު ދެ އަންހެނެއްގެ ބޮލަށް މީހަކު ޔޯގަޓް އަޅާފައިވެ އެވެ. އެ މައްސަލާގައި އެ މީހުން ހައްޔަރުކޮށްފައިވެ އެވެ.