Last Updated: June 8, 10:34
Monday, June 8, 2026
ޚަބަރު

އިސްތިއުފާ ނުދޭ ވަޒީރުންގެ ނޯ ކޮންފިޑެންސް ނެގުން މުހިންމު

މެންބަރު މުހައްމަދު ރާއީ- ފޮޓޯ: ރައްޔިތުންގެ މަޖިލިސް

ސަރުކާރުގެ ސްލޮޓްތަކުގައި ތިބި އެހެން ޕާޓީތަކުގެ ވަޒީރުންގެ ތެރެއިން ސަރުކާރަށް ތާއީދު ނުކުރާ ވަޒީރުންގެ އިތުބާރު ނެތްކަމުގެ ވޯޓު ނެގުން މުހިންމު ކަމަށް މަކުނުދޫ ދާއިރާގެ މެންބަރު މުހައްމަދު ރާއީ ވިދާޅުވެއްޖެއެވެ.

ރާއީ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މިވަގުތު ސަރުކާރުގެ ވަޒީރުންގެ ގޮތުގައި ތިއްބެވި ބައެއް ބޭފުޅުން ރީތި ގޮތުގައި އަމިއްލަފުޅަށް އިސްތިއުފާ ނުދެއްވައިފިނަމަ ނޯ ކޮންފިޑެންސް ވޯޓް ނެގުމަކީ ނުހަނު މުހިންމު ކަމެއް ކަމަށެވެ.

ސަރުކާރު ކޯލިޝަންގައި މިހާރު ތިބި ޕާޓީތަކުގެ ތެރެއިން ޖުމްހޫރީ ޕާޓީން ވަނީ ކުރިއަށް އޮތް ރިޔާސީ އިންތިހާބަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއެކު ކޯލިޝަން ނަހަދާ، އިންތިހާބުގައި ވާދަކުރުމަށް ނިންމާފައެވެ. ކޯލިޝަންގައި ހިމެނޭ އެމްއާރްއެމްއިން ވެސް ރައިސް ސޯލިހާއެކު ކޯލިޝަން ހެދުމާމެދު އަދި ގޮތެއް ނިންމާފައެއް ނުވެއެވެ. އެހެންނަމަވެސް އެމްއާރްއެމްއިންވެސް ވަކިން އިންތިހާބުގައި ވާދަކުރުމުގެ ފުރުސަތު ބޮޑު ކަމަށް އެ ޕާޓީގެ ރައީސް ފާރިސް މައުމޫން ވިދާޅުވިއެވެ.

ޖޭޕީގެ ސްލޮޓްތަކުގައި ވަޒީރުންގެ ގޮތުގައި ތިއްބެވި ބޭފުޅުންގެ ތެރެއިން ޓޫރިޒަމް މިނިސްޓަރު އަބްދުﷲ މައުސޫމް ވަނީ ރައީސް ސޯލިހަށް ތާއިދުކުރައްވާފައެވެ. އެހެންނަމަވެސް ފިޝަރީޒް މިނިސްޓަރު ޑރ. ހުސައިން ރަޝީދު ހަސަން އަދި ތްރާންސްޕޯޓް މިނިސްޓަރު އައިޝަތް ނަހުލާ އަންނަނީ އަންނަނީ ޤާސިމާއެކު މަސައްކަތް ކުރައްވަމުންނެވެ.

ސެޕްޓެމްބަރު 9 ވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގައި ރައީސް ސޯލިހާއެކު މިހާތަނަށް ކޯލިޝަން ހަދާފައިވަނީ އަދާލަތު ޕާޓީ އަދި އެމްޑީއޭއިންނެވެ.