އަންނަ މަހުގެ 3 ގައި އޮލިމްޕަހަށް ގެންނަން ނިންމާފައިވާ އަލީ ސީޒަންގެ ފިލްމު "ލޯބިވެވިއްޖެ" އައްޑޫގެ އިތުރުން އެހެން ދެ އަތޮޅެއްގައި ވެސް އަޅުވާ ގޮތަށް ހަމަޖެހިިއްޖެ އެވެ.
އަންނަ މަހުގެ 4 ގައި އައްޑޫގެ އިތުރުން އެ ފިލްމު އަޅުވަން ހަމަޖެހިފައި ވަނީ ގދ. ތިނަދު އާއި ހދ. ކުޅުދުއްފުށީގަ އެވެ. ތިނަދު އަކީ "ލޯބިވެވިއްޖެ" ގެ ގިނަ މަންޒަރުތަކެއް ޝޫޓް ވެސް ކުރި ރަށެކެވެ.
މި ފިލްމަކީ ފެބްރުއަރީގައި އޮލިމްޕަހުގައި އެޅުވި ޑާކް ރެއިން އެންޓަޓައިންމަންޓްގެ "ބީވީމާ" ގެ ޑައިރެކްޓަރު އަހުމަދު ޒަރީރުގެ ސްކްރީންޕްލޭއަކަށް ސީޒަން ޑައިރެކްޓްކޮށް، ބަތަލުގެ ރޯލު ކުޅުނު ފިލްމެކެވެ. މާލެ އާއި ސްރީ ލަންކާގައި ވެސް މަންޒަރުތަކެއް ނަގާފައިވާ ފިލްމުގެ ލީޑް ބަތަލާއިންނަކީ މަރިޔަމް އައްޒަ އާއި އައިމިނަތު ރިޝްފާ އެވެ.
"ލޯބިވެވިއްޖެ" ގެ ކާސްޓްގައި އަހުމަދު އީސަން (އާނަންދު)، އިރުފާނާ އިބްރާހިމް، އަލީ އާޒިމް (ދޮންއައްޔަ)، އިބްރާހީމް ޝާފިއު (ފުބޫ) އަދި އަހުމަދު ނިމާލު ހިމެނެ އެވެ.