މި ރޯދަ މަހު އުމްރާގެ އަޅުކަމަށް ދިޔަ ބަޔަކަށް އެ މީހުން އުމްރާ އަށް ގެންދިޔަ ގްރޫޕުން އިހުމާލުވެފައިވާކަމުގެ ޝަކުވާތަކެއް އިސްލާމިކް މިނިސްޓްރީގެ ސަމާލު ކަމަށް ގެނެސްފި އެވެ.
އެ މީހުންނަކީ އަލް މަޝްއަރް ހައްޖު އެންޑް އުމްރާ ގްރޫޕްގައި އުމްރާ އަށް ދިޔަ ބައެކެވެ.
މި ގްރޫޕްގެ ހަވާލުގައި 200 އަށް ވުރެ ގިނަ މީހުން ރޯދަ އުމްރާ އަށް ދިޔަ އެވެ. އެގޮތުން މުޅި ރޯދަ މަހާއި ހަ ދުވަހުގެ ރޯދައިގެ އުމްރާ އަށް ދިޔަ އައްޑޫ ފޭދޫން ދިޔަ އާއިލާއެއްގެ ބަޔަކު ވަނީ އެ މީހުންނާ އުމްރާ އަށް ގެންދިޔަ ގްރޫޕުން، އެއްބަސްވި ގޮތަށް އުމްރާ ދަތުރުގެ ކަންކަން ހަމަޖައްސައި ނުދީ، މިކަން ބޮޑު ބުރައަކަށް ހަދާފައިވާކަމުގެ ޝަކުވާ ސިޓީއަކުން މިނިސްޓްރީ އަށް ހުށަހަޅައިފަ އެވެ.
އޭގައި ފާހަަގަކޮށްފައިވާ ގޮތުގައި އެ އާއިލާގެ ތިން މީހަކު އަލް މަޝްއަރްގެ ހަވާލުގައި އުމްރާ އަށް ދިޔަ އެވެ. އެއީ ދެމަފިރިއަކާއި އެ މީހުންގެ ބޮޑުދައިތައެކެވެ. އެއިން ކޮންމެ މީހަކަށް 33،850ރ. ދެއްކި އެވެ.

އެ އާއިލާ އިން ބުނި ގޮތުގައި އުމްރާގެ ދަރުތުގައި އެ މީހުން ތިބޭ ހޮޓަލެއްގެ ގޮތުގައި ހަމަޖައްސައި ދިނީ މައްކާގެ ހަރަމްފުޅާ 4.8 ކިލޯމީޓަރު ދުރުގައި ހުރި ހޮޓަލެއް ކަމަށްވާ އެމް ހޮޓެލް އަލް ދާނާއިންނެވެ. އަދި މީގެ ސަބަބުން އަޅުކަމަށް ދަތިވެ، އަމިއްލަ އަށް ދަތުރުފަތުރަށް ބޮޑު ހަރަދެއްކުރަން ޖެހިފައިވާކަން ފާހަގަކޮށްފައިވެ އެވެ.
މި ދަތުރާ ގުޅޭ ގޮތުން އެ އާއިލާއިންނާއި ހުރިހާ އުމްރާވެރިން ވެސް އަލް މަޝްއަރްގެ އިންތިޒާމުތަކާ ގުޅޭ މައިގަނޑު 10 ކަމެއް ފާހަގަކޮށްފައިވެ އެވެ. އޭގެ ތެރޭގައި އުމްރާ އަށް ފުރަން އޮތް ދުވަހަށް ފުރޭ ގޮތް ނުވުމާއި އާއިލާގެ އެކެއްގެ ވިސާ ހަމަނުޖެހި ފުރުން ލަސްވުމާ ގުޅިގެން މާލޭގައި ކުއްޔަށް ތަނެއްގައި ހިފައިގެން ތިބެން ޖެހުމާއި ފުރަން އޮތް ދުވަހު ފުރުން ލަސްވުމާއި ކައިރި ހޮޓަލަަކުން ތިބުމުގެ އިންތިޒާމު ހަމަޖައްސައިދޭން އެދުމުން ވެސް އެކަން ހަމަޖައްސައި ނުދިނުމާއި މައްކާ އަށް ދިޔަ ގޮތަށް ދެ ދުވަސްވީ އިރު ކެއުމުގެ އިންތިޒާމު ގްރޫޕުން ހަމަޖައްސައި ނުދިނުމާއި ކޮންމެ 20 މިނިޓަކުން ހަމަޖައްސައި ދޭން ބުނި ބަސް ދަތުރު ވެސް އެގޮތަށް ކުރިއަށް ނުދިއުމާއި ދޮވެއިސްތިރީކުރުމުގެ ހިދުމަތެއް ނުލިބުމާއި ނެގި ސިމް ކާޑް އެކްޓިނުވެގެން ތިން ދުވަސް ހޭދަކުރަން ޖެހުމާއި ދަތުރުގެ ތެރޭގައި ހަމަޖެއްސި ގޮތަށް މަދީނާ އާއި އެ ނޫން ވެސް ތަންތަނަށް ޒިޔާރަތްކުރުމުގެ ކަންކަން ހަމަޖެހިފައި ނެތުން ހިމެނެ އެވެ.
މީގެ އިތުރުމް އާއިލާ އިން ފާހަގަކޮށްފައިވާ އެ އާއިލާ އިން އުމްރ އަށް ދިޔަ ފިރިހެން މީހާ އަކީ ދާއިމީ ބައްޔަކަށް ބޭސް ކާ މީހަކަށްފައި، ގްރޫޕްގެ ވެރިން ހާލު ނުބެލުމާއި ޑޮކްޓަރެއް ނުވަތަ މެޑިކަލް ޓީމެއްގެ އިންތުޒާމު ވެސް ގްރޫޕުން ހަމަޖައްސާފައި ނެތް ކަމަށް ބުނެފައިވެ އެވެ.
ކަންކަން މިހެން ހުރުމާ އެކު އަލް މަޝްއަރް ދޯހަޅި އިންތިޒާމުތަކާއި އިހުމާލުގެ ސަބަބުން އަމިއްލަ އަތުން އިތުރު އެތައް ހޭދައެއްކުރަންން ޖެހިފައިވާކަން އާއިލާ އިން ފާހަގަކޮށްފައިވެ އެވެ.
އެހެންވެ އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރު އަލީ އަށް އެޑްރެސްކޮށް ލިޔުނު ސިޓީގައި އެ އާއިލާ އިން އެދިފައި ވަނީ އެ ގްރޫޕްގެ ހަވާލުގައި އުމްރާ އަށް އެތައް ބަޔަކު ބެސް އެދޭ ގޮތަށް ގްރޫޕްގެ މެދުވެރިކޮށް ނުވަތަ މިނިސްޓްރީގެ ފަރާތުން ނަމަވެސް އެ މީހުން ތިބޭ ހޮޓެލް ހަރަމްފުޅާ ކައިރި ހިސާބެއްގެ ތަބަކުން ހަމަޖައްސައި ދިނުމަށެވެ.
"ތަކުރާރިކޮށް އުމްރާވެރިން އެދިލައްވަމުން ގެންދަނީ މި މާތް މައްސަރުގައި ބޭކާރުވެގެން ދިޔަ ދުވަސްތަކަކަށްވާތީ ހަރަމްފުޅާ ކައިރި ހިސާބަކިން ހޮޓަލެއް ހަމައްސައި ދިނުމަށެވެ." ސިޓީގައިވެ އެވެ. "ކޮންމެ ބޭފުޅަކު ވެސް ބުރަ މަސައްކަތުން ހަލާލު ގޮތުގައި ހޯދާ ފައިސާކޮޅު އެއްކޮށްލައިގެން މައްކާގެ ބިމަަށް އަޅުޖަން ކުރަން މި ދަނީ މިފަދަ ބައެއްގެ މަކަރުވެރި ރޭވުމެއްގައި ބެދޭކަށް ނޫނެވެ."
އަލް މަޝްއަރް ގްރޫޕްގެ އިސްކޮށް ތިއްބެވި ބޭފުޅުންނަކީ އަލީ ފާރިޝް އާއި ހަސަން މުހައްމަދެވެ.