ކެމްޕޭނަށް ދައުލަތުގެ މުދާ ބޭނުންކުރާނަމަ އެ މައްސަލަ އޭސީސީއަށް ހުށަހެޅުން ރަނގަޅުވާނެ ކަމަށް އިލެކްޝަންސް ކޮމިޝަންގެ ރައީސް ފުއާދު ތައުފީގް ވިދާޅުވެއްޖެއެވެ.
ފުއާދު ތައުފީގް މިފަދައިން ވިދާޅުވެފައިވަނީ ގުރައިދޫ ދާއިރާގެ އިންތިހާބުގައި ދައުލަތުގެ މުދާ ބޭނުންކޮށްގެން ސަރުކާރުން ކެމްޕޭން ކުރާކަމަށް މާވަށު ދާއިރާގެ މެންބަރު މުހައްމަދު ސައީދު ކުރެއްވި ތުހުމަތާ ގުޅިގެންނެވެ. ސައީދު ވަނީ ކެމްޕޭންގައި ސަރުކާރު ކުންފުނި ތަކުގެ އެމްޑީން މަޤާމުގެ ދިފާއުގައި ދައުލަތުގެ މުދާ ބޭނުންކުރާ ކަމަށް ވިދާޅުވެފައެވެ.
އެކަމާ ގުޅިގެން ކުރެއްވި ޓްވީޓެއްގައި ފުއާދު ވިދާޅުވީ، އެއްވެސް ފަރާތަކުން ދައުލަތުގެ މުދާ ކެމްޕޭނަށް ބޭނުންކުރާނަމަ، އެކަންކަމުގެ ތަފްސީލީ މައުލޫމާތު ލިބެންހުރި ހެކިތަކާއެކު އެންޓި ކޮރަޕްޝަން ކޮމިޝަނަށް ހުށަހެޅުއްވުން ރަނގަޅުވާނެ ކަމަށެވެ.
Eh ves faraathakun dhaulathuge mudhaa beynunkuraa nama, ekan kamuge thafseelee mauloomaath, liben huri heki thakaa eku @ACC_Maldives ah husha helhuvvun ragalhuvaane. https://t.co/FXzE6SyG8F
— Fuwad Thowfeek (@FuwadThowfeek) April 9, 2023
ރައްޔިތުންގެ މަޖިލީހުގެ ގުރައިދޫ ދާއިރާގެ ގޮނޑީގެ ކެމްޕޭން ހުރިހާ ފަރާތްތަކަކުން ކުރަމުން އަންނައިރު، އިންތިހާބު ބޭއްވުމަށް ހަމަޖެހިފައިވަނީ އޭޕްރިލް 15 ވަނަ ދުވަހުއެވެ. ގުރައިދޫ ދާއިރާގެ މަޖިލިސް ގޮނޑި ހުސްވީ އެ ދާއިރާގެ މެންބަރުގެ ގޮތުގައި ހުންނެވި އިބްރާހީމް ރިޒާ އަވަހާރަވުމާ ގުޅިގެންނެވެ.
މި އިންތިހާބުގައި ވާދަކުރަނީ ތިން ކެންޑިޑޭޓުންނެވެ. އެގޮތުން ކެންޑިޑޭޓް ނަމްބަރު އެކެއް ލިބުނީ ޕީޕީއެމްގެ ޓިކެޓްގައި ވާދަކުރައްވާ އެދާއިރާގެ ކުރީގެ މެމްބަރު އިބްރާހީމް ރިޒާގެ ކޮއްކޮ، ޙުސައިން ރިޒާ އަށެވެ. ކެންޑިޑޭޓް ނަމްބަރު ދޭއް ލިބުނީ އެމްޑީޕީގެ ޓިކެޓުގައި ވާކުރާ އިބްރާހީމް ޝާޒް އަށް ކަމަށްވާއިރު ކެންޑިޑޭޓް ނަމްބަރު ތިނެއް ލިބުނީ އެމްއެންޕީން ވާދަކުރާ އަލީ އާރިފަށެވެ.