އައްޑޫ ފޭދޫގައި އިންޑޯ ބެޑްމިންޓަން ކޯޓެއް ހަދަން ނިންމައި އެ މަސައްކަތްކޮށް ދޭނެ ބަޔަކު ހޯދަން ހުޅުވާލައިފި އެވެ.
ޔޫތު މިނިސްޓްރީން ބުނީ އެ ކޯޓް ހަދައިދޭން ޝައުގުވެރިވާ ފަރާތްތަކަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު މި މަހުގެ 17 އާ ހަމައަށް ހުޅުވާލާފައިވާ ކަމަށެވެ. ޕްރޮޕޯސަލް ހުށަހަޅަން ޖެހެނީ އެ ދުވަހުގެ ހެނދުނު 11:30 ގެ ކުރިންނެވެ.
ފޭދޫގައި އިންޑޯ ބެޑްމިންޓަން ކޯޓެއް ހަދަން ނިންމި އިރު، ފޭދު އާއި މީދޫ ހިމެނޭ ގޮތަށް މީގެ ކުރިން އެތައް ފަހަރެއްގެ މަތިން މިދިޔަ އަހަރުގެ ތެރޭގައި އިންޑޯ ސްޕޯޓްސް ކޮމްޕްލެކްސްތަކެއް ހަދަން ޔޫތު މިނިސްޓްރީން ބީލަމަށްލި އެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ފޭދޫ ހިއްކި ބިމުގައި އިންޑޯ ސްޕޯޓްސް ކޮމްޕްޕެލްސްއެއް ހެދުމުގެ މަސައްކަތް ފެށި އެވެ. އެގޮތުން އެތަން ރާނަން ފަށައި ނުނިމި، ދިގުލައިގެން ގޮސްފައި ވަނިކޮށް، ފަހުން އެތައް އެއްކޮށް ވީރާނާވެ، އެ މަސައްކަތް ހުއްޓާލި އެވެ.
އައްޑު އަކީ މިހާރު ބެޑްމިންޓަންގެ ފޯރި ގަދަ ތަނެކެވެ. ފޭދޫގައި ވެސް ބެޑްމިންޓަން ކުޅޭ ގިނަ ބަޔަކު ތިބި އިރު، މިހާރު އެ އަވަށުގެ ބެޑްމިންޓަން ކުޅޭ މީހުން އެ ކުޅިވަރު ކުޅެން ދަނީ ގަމަށާއި މަރަދޫފޭދޫގެ ޒުވާނުންގެ މަރުކަޒަކަށެވެ.
ހިތަދޫގައި ބެޑްމިންޓަން ކޮމްޕްލެކްސްއެއް ހުރެ އެވެ.