ތަފާތުގެ ދެ ދީނުގެ މީހުންނަށްވާތީ އާއިލާގެ ރުހުން ޝާހްރުކް ޚާނަށް ހޯދުމަށްޓަކައި އޭނަގެ ނަން ބަދަލުކުރި ކަމަށް އަންހެނުން ގޯރީ ޚާނ ބުނެފި އެވެ.
މިހާރު ނުފޫޒު ގަދަ އިންޓީރިއާ ޑިޒައިނަރެއްގެ ގޮތުގައި މަޝްހޫރު ގޯރީ، ފެޝަން ޑިޒައިނަރު އަބޫ ޖާނީގެ ޝޯ "ފަސްޓް ލޭޑީ" ގައި ބުނީ ޝާހްރުކްގެ ނަން ބަދަލުކުރީ އަބިނާވް އަށް ކަމަށެވެ.
"އަހަންނަކީ ހިންދޫއެއް. ޝާހްރުކަކީ މުސްލިމެއް. އެހެންވެ ދެ މީހުން ދެ ދީނަށް ނިސްބަތްވާތީ އަހަރެމެންގެ ގުޅުމާ މެދު އާއިލާ އިން ނުރުހިދާނެތީ ޝާހްރުކަކީ ހިންދޫއެއްކަން ދައްކަންވެގެން ނަން އަބިނާވް އަށް ބަދަލުކުރި." ގޯރީ ބުންޏެވެ.
އޭނަ ބުނި ގޮތުގައި އެކަމާ މެދު މިހާރު ސީރިއަސްކޮށް ފިކުރުކޮށްލުމުން އެއީ އެއްވެސް ތާކުންތާކު ނުޖެހޭ ނިންމުމެއް ކަމަށް ގަބޫލުކުރެވޭ ކަމަށެވެ.
"އޭރު ދެން އެންމެ ޒުވާން ދުވަސްވަރުވީމަ އެކަހަލަ މޮޔަކަންތައް ވެސް ކުރެވޭނެ،" ގޯރީ ބުންޏެވެ. "ދެ މީހަކު ދެ ދީނަކަށް ނިސްބަތްވުމަކީ އެއްވެސް މައްސަލައެއް ނޫން ކަމަށް އަހަރެމެން ދެކެނީ."
ޝާހްރުކާއި ގޯރީ ކައިވެނިކުރީ 1992 ގެ "ދީވާނާ" އިން އޭނަ ބޮލީވުޑަށް ނުކުތުމުގެ ކުރިން 1991 ގަ އެވެ. އޭގެ ކުރިން ޝާހްރުކަކީ ޓީވީ އެކްޓަރެކެވެ. ޝާހްރުކާއި ގޯރީ އަކީ މިހާރު ބޮލީވުޑް ނަމޫނާ ޖޯޑެއްގެ ގޮތުގައި ފާހަގަކޮށްލެވޭ ދެމަފިރިންނެވެ. އެ މީހުންގެ ތިން ކުދިން އެބަތިއްބެވެ. އެއީ އަރިއަން ޚާން، 25، އާއި ސުހާނާ ޚާން، 22، ގެ އިތުރުން އަބްރަމް ޚާން، 9، އެވެ.