ރ. މަޑުއްވަރީގައި ހިނގި އެކްސިޑެންޓެއްގައި އެ ރަށު ކައުންސިލްގެ ސެކްރެޓަރީ ޖެނެރަލް އަހުމަދު އަސްލަމް ނިޔާވެއްޖެއެވެ.
ފުލުހުން ބުނެފައިވަނީ މަޑުއްވަރީގައި ޕިކަޕެއް ފަހަތައް ޖެއްސި ވަގުތު އެ ޕިކަޕުގެ ފަހަތުގައި ހުރި މީހެއްގެ ގައިގާ ޕިކަޕުން ޖެހި ހާދިސާއެއް ހިނގާފައިވާ ކަމަށް ފުލުހުންނަށް މައުލޫމާތު ލިބިފައިވާ ކަމަށެވެ.
މިހާދިސާގައި އަނިޔާވި މީހާ އުނގޫފާރު ރީޖަނަލް ހޮސްޕިޓަލަށް ގެންގޮސް ފަރުވާދެމުން ދަނިކޮށް ނިޔާވެފައިވާ ކަމަށް ހޮސްޕިޓަލުން ފުލުހުންނަށް މައުލޫމާތު ދީފައިވާ ކަމަށް ބުނެފައިވެއެވެ.
މިހާދިސާގައި ނިޔާވެފައިވަނީ މަޑުއްވަރީ ކައުންސިލްގެ ސެކްރެޓަރީ ޖެނެރަލެވެ. އޭނާގެ އުމުރަކީ 40 އަހަރެވެ. މިކަމާ ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުން އަންނަ ކަމަށް ފުލުހުން މައުލޫމާތުދެއެވެ.
މައުލޫމާތު ލިބިފައިވާގޮތުގައި އެވަގުތު އުޅުނީ ޕިކަޕު ގަރާޖަށް ވައްދަން ކަމަށާއި އަދި އަސްލަމް ފާރުކައިރީގައި ހުރިކަމަށެވެ. އަދި ޕިކަޕު ފަހަތަށް ޖެހިވަގުތު ޕިކަޕާއި ފާރާއި ދޭތެރޭގައި ތާށިވީ ކަމަށް މައުލޫމާތު ލިބިފައިވެއެވެ.