Last Updated: July 21, 18:02
Wednesday, July 22, 2026
ދުނިޔެ

ކުކުޅުތަކެއް މަރާލި މީހަކު 6 މަހަށް ޖަލަށް

ފްލޭޝް ލައިޓެއް ހިފައިގެން އަވައްޓެރިއެއްގެ ކުކުޅުކޮއްޓަކަށް ވަދެ، ކުކުޅުތައް ބިރު ގަންނުވާލައިގެން މަރާލި މައްސަލައެއްގައި ޗައިނާގެ ކޯޓަކުން މީހެއްގެ މައްޗަށް ހަ މަހުގެ ޖަލު ހުކުމެއް އިއްވައިފި އެވެ.

މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި އަންގާރަ ދުވަހު ގޫ ނަމަކަށް ކިޔާ މީހާ އަށް އެ ހުކުމް އިއްވީ މެދުތެރޭ ހުނާން ޕްރޮވިންސްގެ ހެންގިއަން ކައުންޓީ ކޯޓުންނެވެ.

ކުކުޅުތައް މަރާލި މައްސަލާގައި އޭނަ އަށް ހަ މަހުގެ ޖަލު ހުކުމެއް އިއްވުމުގެ ކުރިން، ޒޮންގް ކިޔާ އަވައްޓެރިިޔާގެ ކުކުޅު ކޮއްޓަށް ފްލޭޝް ލައިޓެއް ހިފައިގެން ވަދެ، ކުކުޅުތައް ބިރު ގަންނުވައި މަރާލި ފުރަތަމަ ފަހަރު، ފުލުހުންނަށް ރިޕޯޓްކުރުމުން އެ ފަހަރު ގޫ ބަދަލުގެ ގޮތުގައި ޒޮންގް އަށް 3،000 ޔުއާން (436 ޑޮލަރު) ދޭން ޖެހުނެވެ.

ނަމަވެސް އަނެއްކާ ވެސް ދެވަނަ ފަހަރަށް އޭނަ ކޮއްޓަށް ވަދެ، 640 ކުކުޅު މަރާލުމުން ދައުވާކުރަން ނިންމީ އެވެ.

އެ ދައުވާއާ ގުޅިގެން ގޫ ބުނީ އަވައްޓެރިޔާގެ ކުކުޅުތަކެއް މަރާލަން ޖެހުނީ ހުއްދަ ނެތި އޭނަގެ އިމުގައި އިން ގަހެއް ޒޮންގް ކަނޑާލައި ދިން ގެއްލުމާ ހެދި ކަމަށެވެ. އޭގެ ފަހުން ދެ އަވައްޓެރިން ކޯޅެމުން އަންނަނީ މިދިޔަ އަހަރުގެ އެޕްރީލް މަހުން ފެށިގެން ކަމަށް މީޑިއާތަކުން ބުންޏެވެ.

ކުކުޅުތައް މަރާލި މައްސަލާގައި ގޫ އަށް ޖަލު ހުކުމެއް އިއްވީ ގަސްތުގައި މީހަކަށް ބޮޑު ގެއްލުން ދިން ކަމަށް ކަނޑައަޅަ އެވެ. އަދި އޭނަ މަރާލި 1،140 ކުކުޅުގެ ފައިސާގެ މަގުން އަގުކުރާ ނަމަ 13،840 ޔުއާން (2،015 ޑޮލަރު) އަށް އަރަ އެވެ.