Last Updated: July 15, 18:06
Thursday, July 16, 2026
ކުޅިވަރު

ލިވަޕޫލުން ފަހު ވަގުތު އާސެނަލް ހިފަހައްޓައިފި

އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭ އާސެނަލް އާއި ލިވަޕޫލް ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވެގެން ނިމިއްޖެ އެވެ.

މި ނަތީޖާއާއެކު 30 މެޗުން ލިބުނު 73 ޕޮއިންޓާ އެކު ލިވަޕޫލް އޮތީ ލީގުގެ އެއްވަނައިގަ އެވެ. އާސެނަލަށް ވުރެ އެއް މެޗު މަދުން ކުޅެ 67 ޕޮއިންޓާ އެކު ދެވަނައިގައި އޮތީ މެންޗެސްޓާ ސިޓީ އެވެ. ލިވަޕޫލް އޮތީ 44 ޕޮއިންޓާ އެކު ލީގުގެ 8 ވަނައިގަ އެވެ.

ލިވަޕޫލްގެ ދަނޑުގައި ކުޅުނު މި މެޗުގެ ފުރަތަމަ 30 މިނެޓްތެރޭ އާސެނަލުން ވަނީ ދެ ގޯލުގެ ލީޑެއް ނަގައިފަ އެވެ. އެގޮތުން މެޗުގެ 8 ވަނަ މިނެޓްގައި އާސެނަލްގެ ފުރަތަމަ ގޯލު ގެބްރިއަލް މާޓިނެއްލީ ކާމިޔާބުކޮށްދިން އިރު މެޗުގެ 28 ވަނަ މިނެޓްގައި އާސެނަލްގެ ދެވަނަ ގޯލު ކާމިޔާބުކޮށްދިނީ ގެބްރިއަލް ޖީސެސް އެވެ. ނަމަވެސް ފުރަތަމަ ހާފް ނިމުމުގެ ކުރިން މުހައްމަދު ސަލާހު ވަނީ ލިވަޕޫލަށް ގޯލެއް ކާމިޔާބުކޮށްދީފަ އެވެ.

ދެވަނަ ހާފްގެ ކުރީކޮޅު ނަތީޖާ އެއްވަރުކޮށްލަން ލިވަޕޫލަށް ޕެނަލްޓީއެއް ލިބުނު ނަމަވެސް ސަލާހު ފޮނުވާލި އެ ޕެނަލްޓީ ދިޔައީ ގޯލުގެ ދަނޑި ކައިރިން ބޭރަށެވެ. މި ޕެނަލްޓީ އަކީ އާސެނަލްގެ ރޮބް ހޯލްޑިން ލިވަޕޫލްގެ ޖޯޓާ އަށް ކުރި ފައުލަކާ ގުޅިގެން ލިބުނު ޕެނަލްޓީއަކުންނެވެ.

މި ޕެނަލްޓީ ކާމިޔާބު ނުކުރެވުނު ނަމަވެސް ލިވަޕޫލުން ދިޔައީ އާސެނަލްގެ ޑިފެންސްލައިނަށް ބާރުބޮޑު ކުރަމުންނެވެ. ނަތީޖާއެއްގެ ގޮތުން ދެވަނަ ހާފްގައި ކުޅެން އެރި ރޮބާޓޯ ފަމީނޯ ވަނީ މެޗުގެ 87 ވަނަ މިނެޓްގައި ލިވަޕޫލަށް ނަތީޖާ އެއްވަރުކޮށްދީފަ އެވެ. މެޗުގެ އެންމެފަހު ވަގުތުކޮޅުތެރޭ ލީޑު ނަގަން ލިވަޕޫލްގެ ސަލާހު އަދި އެޓީމުގެ ޑިފެންޑަރު ކޮނާޓޭ އަށް ރަނގަޅު ފުރުސަތުތަކެއް ލިބުނު ނަމަވެސް އެ ކުޅުންތެރިން ފޮނުވާލި ހަމަލާތައް މި މެޗުގައި މޮޅު ކުޅުމެއް ދެއްކި އާސެނަލްގެ ގޯލްކީޕަރު އާރޮން ރަމްސްޑޭލް ވަނީ ދިފާއުކޮށްފަ އެވެ.

މި މެޗު އެއްވަރުވެގެން ނިމުނުއިރު ލިވަޕޫލްގައި ދަނޑުގައި ކުޅެ ލީގުގައި އާސެނަލަށް އެންމެފަހުން ކުޅުނު 9 މެޗުން ވެސް ލިވަޕޫލް ބަލިކުރެވިފައެއް ނުވެ އެވެ.

ލީގުގައި އާސެނަލް ދެން ބައްދަލުކުރާނީ ވެސްޓްހަމް ޔުނައިޓެޑާ އެވެ. ލިވަޕޫލް ނިކުންނާނީ ލީޑްސް ޔުނައިޓެޑާ ދެކޮޅަށެވެ.