ރޭގެ ވަގުތެއްގައި 2 ކުދިންނާއި އެކު ގެއިން ނެރެ މަގުމަތި އެކަނިވެރި މަޔަކަށް މޮމްސް އެއިޑް ޖަމީއްޔާގެ އެހީގައި 3 ގަޑި އިރު ތެރޭ އެހީތެރިކަން ފޯރުކޮށްދީފިއެވެ.
މަމްސް އެއިޑް ޖަމީއްޔާއިން ސޯޝަލް މީޑިއާގައި މިއާއިލާގެ ވާހަކަ ހިއްސާކޮށްފައިވަނީ މިއަދު ހެނދުނު 11:30 އެހައިކަށްހާއިރުއެވެ. އެ ޖަމީއްޔާއިން ބުނެފައިވާ އެކަނިވެރި މައެއް ކަމުގައިވާ ސަމީރާ (އަސްލު ނަމެއް ނޫން) ދެ ކުދިންނާއި އެކު ގެއިން ނެރެލާފައިވާ ކަމުގެ މަޢުލޫމާތު ލިބުނީ ރޭގެ ދަންވަރު ވަގުތެއްގައި ކަމަށެވެ. އެގޮތުން އެ މީހާ މާލޭ މަގުމައްޗަށް ގެއިން ނެރެލާފައިވަނީ އޭނާ އިނދެގެން އުޅުނު ކުރީގެ ފިރިމީހާއެވެ.
މިމައްސަލާގައި ކަން ހިނގާފައިވާ ގޮތް ތަފްސީލުކޮށްދެމުން އެ ޖަމީއްޔާއިން ބުނެފައިވަނީ، އެ އަންހެން މީހާ އެގޭގައި އުޅެމުންދިޔައީ 2 ކުދިންނާއި އެކު ވަންނާނެ އިތުރު ތަނެއް ނެތީމައެވެ. އެގޮތުން މީގެ ކުރީންވެސް ގެއިން ނެރެ ބިރު ދައްކައި ގެވެށި އަނިޔާގެ ޝިކާރައަކަށް އަންހެން މީހާ ވެފައިވާ ކަމަށް އެ ޖަމީއްޔާއިން ހާމަކުރެއެވެ. މީގެ އިތުރުންވެސް އެތަށް ފަހަރެއްގެ މަތިން ގެއިން ފެން ކަނޑާލުމާއި އެކި ކަހަލަ ޖެއްސުންކޮށް ބިރު ދެއްކުމުގެ ޢަމަލުތައް ހިނގާފައިވާ ކަމަށާއި ނަމަވެސް 2 ކުދިންނާއި އެކު ވަންނާނެ އިތުރު ބޯހިޔަލެއް ނެތުމުގެ މަޑު ކުރަން މަޖުބޫރުވީ ކަމަށެވެ.
މިއާއިލާގެ ކުދިން ސްކޫލަށް ސަމީރާއަށް ނުފޮނުވޭތާ، ޖެންޑާ އަދި ޕޮލިހުންވެސް އާއިލާގެ މައްސަލަތައް ބަލަމުން އަންނަތާ ގިނަ ދުވަސްވެފައިވާ ކަމަށް މަސް އެއިޑް ޖަމީއްޔާއިން ބުނެއެވެ.
މި އާއިލާއަށް އެހީ ބޭނުންވެގެން އިއުލާން ކުރީ، އުޅޭނެ ތަނެއް ކުއްޔަށް ނަގައި އެޑްވާންސް ދެއްކުމަށާއި، ފަރުނީޗަރު ގަނެއް ކާބޯތަކެތި ކުދިންނަށް ފޯރުކޮށްދިނުމަށެވެ. އެގޮތުން ހުޅުވާލިތާ ތިން ގަޑިއިރު ތެރޭ ބޭނުންވާ ތަކެއްޗާއި ފައިސާގެ އެހީތެރިކަން ލިބިފައިވާ ކަމަށް މަމްސް އެއިޑް ޖަމީއްޔާއިން ބުނެއެވެ.
މިއާއިލާގެ މައްސަލަތައް މިހާރުވެސް ކަމާއި ބެހޭ އިދާރާތަކުން ބަލަމުންދާތީ، އައިލާގެ ރައްކާތެރިކަމަށްޓަކައި އެ ޖަމީއްޔާއިން އައިލާއި ގުޅޭ ތަފްސީލެއް ހާމައެއް ނުކުރެއެވެ. ނަމަވެސް އެ އަންހެން މީހާ ގެއިން ނެރެލި އިރު މަގުމައްޗަށް ނެރެފައިވާ ހިފާ ގެންގުޅޭ ސާމާނުގެ ފޮޓޯތަކެއް ސޯޝަލް މީޑިއާގައި ވަނީ ހިއްސާ ކޮށްފައެވެ.
މަމްސް އެއިޑް ޖަމީއްޔާއިން އިން ދަނީ މި ރޯދަމަހުވެސް ހާލުގައި ޖެހިފައިވާ އައިލާތަކަށް އެހީތެރިކަން ފޯރުކޮށްދެމުންނެވެ.