ޝާހްރުކް ޚާނާއި ސަލްމާން ޚާނާ އެކީ ޔާޝްރާޖް ފިލްމްސް (ވައިއާރްއެފް) އިން ހަދަން ނިންމާފައިވާ "ޓައިގާ ވާސަސް ޕަތާން" އަށް 300 ކްރޯޑް ރުޕީސް (37 މިލިއަން ޑޮލަރު) ގެ ބަޖެޓެއް ކަނޑައަޅާފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
މިއާ އެކީ މި ފިލްމު ހިމެނޭނީ ބޮލީވުޑުން ހަދާ އެންމެ އަގުބޮޑު ފިލްމުތަކުގެ ތެރޭގަ އެވެ.
މިދިޔަ ހަފުތާގައި ބައެއް މީޑިއާތަކުން ބުނި ގޮތުގައި ޖެނުއަރީގައި ރިލީޒްކުރި ޝާހްރުކްގެ "ޕަތާން" ގައި އޭނަ ކުޅުނު ޕަތާން ކެރެކްޓާ އާއި ސަލްމާންގެ "ޓައިގާ" ފްރެންޗައިޒްގައި އޭނަ ކުޅޭ ޓައިގާ ކެރެކްޓާގެ ކުރިމަތިލުންތަކެއް ދައްކުވައިދޭ ގޮތަށް ހަދަން ނިންމާފައިވާ "ޓައިގާ ވާސަސް ޕަތާން" ގެ ޝޫޓިން އަންނަ އަހަރުގެ ޖެނުއަރީގައި ފަށާނެ އެވެ. އަދި އޭގެ ޑައިރެކްޓަރަކީ "ޕަތާން" ހެދި ސިދާތު އާނަންދެވެ.
ނަމަވެސް މި ފިލްމު އަދި ވައިއާރްއެފުން ރަސްމީކޮށް އިއުލާނެއް ނުކުރެ އެވެ.
"ޕަތާން" އަށް ފަހު އެ ސްޓޫޑިއޯ އިން ދެން މި އަހަރަށް އޮތް އެންމެ ވަރުގަދަ ފިލްމަކީ ނޮވެމްބަރަށް ތާވަލުކޮށްފައި އޮތް ސަލްމާންގެ "ޓައިގާ 3" އެވެ. އޭގައި ޝާހްރުކްގެ ހާއްސަ ފެނިލުމެއް ހިމެނޭނެ އެވެ. އެއީ "ޕަތާން" ގައި ސަލްމާންގެ ފެނިލުމެއް ހިމެނުނު ގޮތަށެވެ.