ސަފާ އުމްރާ ގްރޫޕްގެ އުމްރާވެރިންނަށް ވިސާ ހަމަނުޖެހިގެން ދަތުރު ކެންސަލްފައި ވަނިކޮށް، މިހާރު ވިސާ ހަމަޖެހި އެ މީހުން މާދަމާ ފުރާ ގޮތަށް ހަމަޖެހިއްޖެ އެވެ.
މިކަމާ ގުޅޭ ގޮތުން އެ ގްރޫޕުން ބުނީ ގްރޫޕުން ޗާޓަރު ކުރި ސަލާމް އެއާގެ ފްލައިޓް ރާއްޖެ އާއި، މަސްކަޓު، ސައުދީ އަރަބިޔާގައި ޖެއްސުމުގެ ހުއްދަ ސަލާމް އެއާއަށް މިހާރު ލިބިފައިވާ ކަމަށެވެ. އެހެންވެ މާދަމާ ހެނދުނު 11:00 ގައި އުމްރާވެރިން ފުރާގޮތަށް ހަމަޖެހިފައިވާ ކަމަށް ބުންޏެވެ.
ސަފާ ގްރޫޕުން ބުނި ގޮތުގައި ޕްރީ ޗެކިން ކުރުމަށް ފޮށި ގެންދަން ޖެހޭ ގަޑި މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން އެންގިހާ އަވަހަށް އުމްރާވެރިންނަށް އަންގާނެ އެވެ.
އެ ގުރޫޕަށް ފައިސާ ދައްކާފައިވާ ޢުމްރާވެރިންގެ ތެރެއިން ގިނަ އަދަދެއްގެ ބަޔަކު އުމްރާއަށް ފުރަން ހަމަޖައްސާފައި އޮތީ މިދިޔަ ބުރާސްފަތި ދުވަހު އެވެ. އެކަމަކު އެ ދުވަހުގެ ފަތިހު އުމްރާވެރިންނަށް ޚާއްސަ ވައިބާ ގުރޫޕަށް ފޮނުވި މެސެޖެއްގައި ދަތުރު ކެންސަލްވީ ކަމަށް އެންގި އެވެ. އެކަމާ ގުޅިގެން ބޮޑެތި ކަންބޮޑުވުންތައް އުފެދި، ގްރޫޕަށް ފާޑކިޔުންތައް ވެސް އަމާޒުވި އެވެ.
އަދި އެ މައްސަލަ އިސްލާމިކް މިނިސްޓްރީން ބެލުމަށް ފަހު، ވިސާ ނުލިބިގެން ސަފާ ގްރޫޕް މީހުނަށް އުމްރާ އަށް ފުރޭގޮތް ނުވީ އެ ގްރޫޕުން ދުރާލާ ވިސާނެގުމުގެ ކަންކަން ހަމަޖައްސާފައި ނުވުމުން ކަމަށް ބުނެފައިވެ އެވެ.