Last Updated: June 8, 10:34
Monday, June 8, 2026
ޚަބަރު

މިފްކޯ އިން އަލަށް ގެންނަ 3 ބޯޓު ޖުލައިގައި

މިފްކޯގެ ސީއީއޯ އިސްމާއިލް ފައުޒީ / ފޮޓޯ: މިހާރު

މިފްކޯއަށް އަލަށް ގެންނަ 3 ބޯޓު ޖުލައި ހިސާބުގައި ލިބޭނެ ކަމަށް މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ، މިފްކޯގެ ސީއީއޯ އިސްމާއިސް ފައުޒީ ވިދާޅުވެއެޖެ އެވެ.

މިފްކޯގެ މަސައްކަތްތަކާއި ގުޅޭގޮތުން ރާއްޖެ ޓީވީގެ ފަލަ ސުރުހީ ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން މިފްކޯއިން މަސްގަތުމުގެ ކެޕޭސިޓީ އިތުރުކުރުމަށް ކުރެވޭ މަސައްކަތާއި ގުޅޭ ގޮތުން ވަނީ އަލިއަޅުވާލާފައެވެ. މިފްކޯ ސީއީއޯ އިސްމާއިލް ވިދާޅުވި ގޮތުގައި އަލަށް މިފްކޯއަށް ގެނައި ބޯޓާއި އެކު ދެކުނުގެ މަސްވެރިކަމަށް ލުއި ފަސޭހަތަކެއް ލިބިގެން ދާނެ ކަމަށެވެ. އެގޮތުން މި ބޯޓު ރާއްޖޭގައި ރެޖިސްޓްރީ ކުރުމުގެ މަސައްކަތް މިހާރު ކުރެވެމުންދާ ކަމަށާއި، މިމަހުގެ ފަހު ހަފްތާތެރޭ އޮޕަރޭޝަނަށް ނެރެވޭނެ ކަމަށް ޤަބޫލު ކުރައްވާ ވިދާޅުވިއެވެ.

މިފްކޯއިން ވަނީ މިދިޔަ ހަފްތާގެ ބުރާސްފަތި ދުވަހު މިފްކޯގެ މަސްގަތުުމުގެ މަސައްކަތަށް ބޯޓެއް ގެނެސްފައެވެ. ދެކޮޅުންވެސް މަސް ކިރުވޭ މި ބޯޓަށް ދުވާލަކު 120 ޓަނު މަސް ކިރުވޭއިރު، ޖުމްލަ 450 ޓަނުގެ ކެޕޭސިޓީ ހުރި ކަމަށް މިފްކޯއިން ވަނީ ބުނެފައެވެ.

މީގެ އިތުރުން އުތުުރުގެ މަސްވެރިކަމަށްވެސް ހާއްސަކޮށްގެން އިތުރު 3 ބޯޓު ގެނައުމުގެ މަސައްކަތް ކުރަމުންދާކަން ފާހަގަކޮށް އޭނާ ވިދާޅުވީ އެ ބޯޓުތަކުގައި މިވަގުތު ކުރަމުންދަނީ ތައިލޭންޑުގައި ބައެއް މޮޑިފިކޭޝަން މަސައްކަތް ކަމަށެވެ. އެގޮތުން މިތިން ބޯޓުން ކުރެ ކޮންމެ ބޯޓަކަށް ބްރައިން ފްރީޒިން ކެޕޭސިޓީގެ 60 ޓަނު އިތުރު ކުރެވި ޖުމްލަ 180 ޓަނު ދުވާލެއްގެ މައްޗަށް ގަނެވޭނެ ކަމަށް ވިދާޅުވިއެވެ. އަދި މި ތިން ބޯޓު އެއްކޮށްގެން 270 ޓަނު ޖުމްލަ ކެޕޭސިޓީ ކެލެކްޓަރ ވެސަލްތަކުގައި އިތުރު ކުރެވޭނެ ކަމަށް ވިދާޅުވިއެވެ.

ސަރުކާރުގެ އެއް އަމާޒަކީ މަސްވެރިން އަތުން ގަންނަ އަގު މަތިކޮށް އިތުރުކުރުން ކަމަށް އިސްމާއިލް ވިދާޅުވިއެވެ. މި މަޤްސަދުގައި މިހާރު މިފްކޯގެ ސްޓޯރޭޖް އިތުރުކުރުމަށް ސަރުކާރުން ގިނަ މަސައްކަތް ކުރައްވަމުން ގެންދަވާކަން ފާހަގަކުރައްވާ ވިދާޅުވީ، މިފްކޯގެ މިހާރު ހުރި 4700 ޓަނުގެ ސްޓޯރޭޖް ހުރިހާ މަސައްކަތެއް ނިމޭއިރު 14،000 ޓަނަށް އިތުރުވެގެން ދާނެ ކަމަށެވެ.

މީގެ އިތުރުން މިދިޔަ އަހަރު 63،000 ޓަނުގެ މަސް މިފްކޯއިން ގަނެފައިވާކަން ފާހަގަށް އިސްމާއިލް ވިދާޅުވީ މިއަހަރު އެއަށް ވުރެ ރަނގަޅުވާނެ ކަމުގެ އުއްމީދު އެބައޮތް ކަމަށެވެ. އަދި މިދުވަސްވަރުވެސް ދުވާލެއްގެ މައްޗަށް 350 ޓަނާއި 400 ޓަނު މަސް ކިރުވަމުންދާކަން ސީއީއޯ އިސްމާއިލް ފާހަގަ ކުރެއްވިއެވެ.