Last Updated: June 8, 10:34
Monday, June 8, 2026
ޚަބަރު

ލެޓިން އެމެރިކާ މާކެޓަށް ރާއްޖެ އިޝްތިހާރުކޮށްފި

ޑަބްލިއު ޓީއެމް ލެޓިން އެމެރިކާގައި ބައިވެރިވި ދިވެހި ޓީމް / ފޮޓޯ: އެމްއެމްޕީއާރްސީ

ބްރެޒިލްގެ ސައޮ ޕޯލޯގައި ބޭއްވި ވޯލްޑް ޓްރެވެލް މާކެޓް ލެޓިން އެމެރިކާގައި ރާއްޖެއިން ބައިވެރިވެ، ލެޓިން އެމެރިކާގެ މާކެޓުގައި ރާއްޖެ އިސްތިހާރުކޮށްފި އެވެ.

މި މަހުގެ 5-3 އަށް ބޭއްވި މި ފެއާގައި ރާއްޖެއާ ގުޅޭ މުހިންމު މައުލޫމާތު މާކެޓުގައި ހަރަކާތްތެރިވާ އޭޖެންޓުންނަށާއި އޮޕަރޭޓަރުންނަށް ދިން ކަމަށް އެމްއެމްޕީއާރްސީން ބުންޏެވެ. ފެއާގައި ރާއްއްޖޭގެ ފަތުރުވެރިކަމުގައި ހަރަކާތްތެރިވާ 15 ކުންފުންޏަކުން ބައިވެރިވެފައިވެ އެވެ.

ސައު ޕޯލޯގެ ދުނިޔޭގެ އެކި ކަންކޮޅުތަކުން އިންފްލުއެންސަރުންނާއި، ސިނާޢަތުގައި ހަރަކާތްތެރިވާ ވިޔަފާރިތަކާއި އަދިވެސް އެހެނިހެން ފަރާތްތަކުން ބައިވެރިވެފައިވެ އެވެ. ފެއަރގައި ޖުމްލަ 20،000 އަށް ވުރެ ގިނަ މީހުންނާއި 565 އެގްޒިބިޓަރުން ބައިވެރިވެފައިވެ އެވެ.

ލެޓިން އެމެރިކާ މާކެޓުގައި ރާއްޖެ އިތުރަށް ވަރުގަދަ ކުރުމަށް މިފަދަ ފެއަރއެއް މުހިންމު ކަމަށް އެމްއެމްޕީއާރްސީން ބުނެ އެވެ. އެގޮތުން މިމާކެޓަށް ރާއްޖޭގެ ތަޖުރިބާ ކުރެވެން ހުރި ފުރުސަތުތައް ބުނެދީފައިވާ ކަމަށް އެކުންފުނިން ބުނެއެވެ. އަދި އެމްއެމްޕީއާރްސީ އާއި އެކު ބައިވެރިވި ކުންފުނިތަކަށް ގުޅުން ބަދަހި ކުރުމުގެ ފުރުސަތު ފަހިވެގެން ގޮސްފައިވާ ކަން ފާހަގަ ކުރެއެވެ.

އެ މާކެޓުން މިދިޔަ މަހުގެ 23 އާ ހަމައަށް 19،865 މީހުން ޒިޔާރަތްކޮށްފައިވާ ކަަމަށް އެމްއެމްޕީއާރްސީން ބުނެ އެވެ. އަދި އެ މާކެޓުގައި ރާއްޖެ އިޝްތިހާރު ކުރުމަށް މިއަހަރު ޑިޖިޓަލް މީޑިއާ ކެމްޕެއިނަކީ ފެމިލިއަރައިޒޭޝަން ޓްރިޕްތަކެއް ރޭވިފައިވާ ކަމަށް އެމްއެމްޕީއާރްސީން ބުންޏެވެ.