މި ރޯދަ މަހުގެ ފަހު 10 ގެ ދަރުމަ ފުރިހަމަ ގޮތުގައި ހޯދުމަށް އެމްޑީއޭގެ ލީޑަރު އަހުމަދު ސިޔާމް މުހައްމަދު ނަސޭހަތްތެރިވެވަޑައިގެންފި އެވެ.
އޭނަ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރަމަޟާން މަހުގެ ފަހު 10 ގެ މާތްކަމާއި ސަވާބާއި ދަރުމަ ލިބިގަތުމަށް މުސްލިމް އަހުންނާއި އުހުތުންނަށް ނަސޭހަތްތެރިވެ ވަސީޔަތްކުރައްވާ ކަމަށެވެ.
ރަމަޟާން މަހުގެ ފަހު ދިހައެއްގެ މާތްކަމާއި ސަވާބާއި ދަރުމަ ލިބިގަތުމަށް މުސްލިމް އަޚުންނާއި އުޚުތުންނަށް ނަސޭހަތްތެރިވެ ވަސީއަތްކުރަން!
— Ahmed Siyam Mohamed, MP (@Sun_Siyam) April 9, 2023
ސިޔާމް މިފަދަ ނަސޭހަތެއް ދެއްވި އިރު، އޭނަގެ ވާހަކަތަކެއް މި ދުވަސްކޮޅު މީޑިއާތަކުގައި ދަނީ ވަރަށް ބޮޑަށް ދެކެވެމުންނެވެ. އެއީ ސިޔާމްގެ ސަން ޓްރެވަލްސް އާއި ހިލްޓަންއާ ދެމެދު ހިނގަމުންދާ ގާނޫނީ މައްސަލައަކާ ގުޅުވައިގެން ނޫހެއްގައި ލިޔުނު ރިޕޯޓަކާ ގުޅިގެން އެ ލިޔުނު ނޫސްވެރިންނަށް ސިޔާމާއި އޭނަގެ ކުންފުނިން މަރުގެ އިންޒާރުތަކެއް ދިން ކަމަށް ބުނާ މައްސަލައެއްގެ ވާހަކަ އެވެ.
އެކަން ފުލުހުންނަށް ވެސް ރިޕޯޓްކުރުމާ ގުޅިގެން އެކަން ބަލަމުން އަންނަ ކަމަށް ފުލުހުން ބުނެފައިވެ އެވެ.
މިކަމާ ގުޅިގެން ސަން ޓްރެވެލްސް އިން އިއްޔެ ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ "ސިޔާމާއި ހިލްޓަންގެ މައްސަލަ: ރާއްޖެއިން އިންވެސްޓަރުންނަށް ރަތުގެ އިންޒާރެއް" ގެ ނަމުގައި "ދައުރު" ގެނެސްދިން ލިޔުމާ ގުޅިގެން އެ ލިޔުނު ނޫސްވެރިޔާއަށް ނުވަތަ ނޫހަށް އަދި އެއްވެސް ފަރާތަކަށް ސިޔާމް ނުވަތަ އެ ކުންފުނީގެ ފަރާތުން އިންޒާރެއް ދީފައި ނުވާނެ ކަމަށެވެ. އަދި ސަން ޓްރެވަލްސްއިން ވަނީ ލިޔުމުގައި ކަން ހިނގާފައިވާ ގޮތުގެ ސައްޙަ މައުލޫމާތު ގެނެސް ދިނުމުގެ ބަދަލުގައި ސަން ގުރޫޕުގެ ކުންފުނިތަކާއި ސިޔާމްގެ ނަމަށް ހުތުރުކޮށް ގެއްލުން ދިނުމަށް މަސައްކަތްކޮށްފައި ކަމަށް ތުހުމަތުކޮށްފަ އެވެ.