Last Updated: June 8, 10:34
Monday, June 8, 2026
ވިޔަފާރި

ޓެސްލާގެ މެގަޕެކް ބެޓަރީ ކާރުހާނާއެއް ޗައިނާ އަށް

ޝެންހާއި ގައި ހުންނަ ޓެސްލާގެ ކާރު އުފައްދާ ކާރުހާނާ / ފޮޓޯ: ރޮއިޓާސް

ޓެސްލާ ކުންފުނިން ޗައިނާގައި އައު ބެޓަރީ އުފައްދާ ކާރުހާނާއެއް ޤާއިމް ކުރުމަށް ނިންމާފައިވާ ކަމަށް އެކުންފުނިން ހާމަކޮށްފިއެވެ.

އެކުންފުނިން މިކަން ހާމަކޮށްފައިވަނީ އާދިއްތަ ދުވަހު ކުންފުނިން ކުރި ޓްވީޓެއްގައެވެ. މި ކާރުހާނާ ބިނާ ކުރާނީ ޗައިނާގެ ޝެންހާއީގައެވެ. މިއީ އެމެރިކާގެ ކެލިފޯނިއާގައި ޤާއިމްކޮށްފައިވާ މެގަޕެކް ބެޓަރި ކާރުހާނާއި އެއްކޮށް ހިންގުމަށް ނިންމާފައިވާ ކާރުހާނާއެކެވެ. މިކާރުހާނާގެ ޢަމަލީ މަސައްކަތް މިއަހަރުގެ ތިންވަނަ ކުއާޓާގައި ފަށާނެއެވެ. އަދި ބެޓަރީ އުފެއްދުމުގެ މަސައްކަތް 2024 ވަނަ އަހަރުގެ ދެވަނަ ކުއާޓާގައި ފަށާނެ ކަމަށް ޓެސްލާއާއި ހަވާލާދީ ރޮއިޓާސްއިން ބުނެއެވެ.

ޓެސްލާގެ މެގަ ޕެކް ބެޓަރީ ތަކަކީ 730 މެގަވޯޓުގެ ކަރަންޓު ރައްކާ ކުރެވޭ ބޮޑު ބެޓަރީއެކެވެ. މިއީ އާންމުކޮށް ބޮޑެތި އޮފީސް އިމާރާތްތަކާއި ސަރަހައްދުތަކުގައި ކަރަންޓު ކަނޑައިގެން ދިއުމުން ރައްކާތެރިކޮށްދީ ޕަވާ ސާޖުން ރައްކާތެރިކޮށްދޭ ނިޒާމެކެވެ. މި ބެޓަރި ޕެކް ކުދި ކަރަންޓު އުފައްދާ ޕާލްންޓުތަކުގައި ހަކަތަ ރައްކާ ކުރުމަށް ބޭނުން ކުރެއެވެ.

ޓެސްލާގެ ކާރު އުފައްދާ ކާރުހާނާއެއް މިހާރުވެސް ޝެންހާއިގައި ހުރެއެވެ. މިއާއެކު ބެޓަރި އުފައްދާ ކާރުހާނާ ފަށާއިރު އަހަރަކު 10،000 ބެޓަރިން ފެށުމަށް އެކުންފުނިން ވަނީ ނިންމާފައެވެ. ޗައިނާގައި ކާރުހާނާ ހަދަން ނިންމާފައިވަނީ ބެޓަރީ އުފެއްދުމުގެ ޚަރަދު ކުޑަކޮށް އިޔާދަކުރަނިވި ހަކަތައަކަށް ދުނިޔޭގެ މާކެޓް ބަދަލުވަމުންދާއިރު އެ ޑިމާންޑަށް އިޖާބަ ދިނުމަށް ކަމަށް ޓެސްލާއިން ބުނެއެވެ.

ޓެސްލާ ކުންފުންޏަށް އެންމެ ބޮޑު އާމްދަނީ އެއް ލިބެނީ ކާރު ވިޔަފާރިންނެވެ. ނަމަވެސް ކުންފުނީގެ ބާނީ އެލަން މަސްކް ވަނީ ކާރު ވިޔަފާރިއާއި އެއްވަރަށް ސޯލާ ވިޔަފާރި އަދި ބެޓަރި ވިޔަފާރިވެސް ކުރިއަރުވާނެ ކަން ހާމަކޮށްފިއެވެ.