Last Updated: July 26, 18:11
Sunday, July 26, 2026
މުނިފޫހިފިލުވުން

އަނިލް "ފައިޓާ" މޯޑްގައި އަވަދިނެތި

ބޮލީވުޑްގެ އެކްޓަރު އަނިލް ކަޕޫރަކީ އަބަދު ވެސް އޭނަގެ މަސައްކަތަށް ވަރަށް ފަރުވާތެރި، ވަރަށް ޑިސިޕްލިން އެކްޓަރެކެވެ. އުމުރުން 66 އަހަރުގައި ވެސް އޭނަގެ ޒުވާންކަމުގެ އެއް ސިއްރަކީ ވެސް މިއީ ކަމަށް ވެދާނެ އެވެ. އޭނަ މިހާރު ވެސް އަންނަނީ ކުޅެން ފަށާފައި އޮތް ފިލްމަކަށް ވާން ޖެހޭ އިތުރު ތައްޔާރީތައްވަމުންނެވެ.

އިންސްޓަގްރާމްގައި އޭނަ އާންމުކުރި ޕޯސްޓްތަކެއްގައި ފެންނަނީ ޑައިރެކްޓަރު ސިދާތު އާނަންދުގެ އޭރިއަލް އެކްޝަން ތުރިލާ "ފައިޓާ" އަށް ތައްޔާރުވުމުގެ ތެރެއިން ކުރަމުން އަންނަ މަސައްކަތެވެ. މި ފިލްމަކީ އިންޑިއާގެ ވައިގެ އަސްކަރީ ސިފައިންނަށް ޓްރިބިއުޓެއްގެ ގޮތުގައި ހަދާ ފިލްމަކަށްވާތީ މިއީ މަތިންދާބޯޓްތަކުގެ ތެރޭގައި ހިނގާ ގިނަ ހާދިސާތަކެއް ދައްކުވައި ދޭނެ އެއްޗެކެވެ.

ކާސްޓްގައި ރިތިކް ރޯޝަނާއި ދީޕިކާ ޕަދްކޯން ހިމެނޭ "ފައިޓާ" ގައި އަނިލް ވެސް ޕައިލެޓެއްގެ ރޯލު ކުޅޭ އިރު، މިއަށް ވަރަށް ބޮޑަށް ޖިސްމާނީ ގޮތުން ތައްޔާރުވާން ޖެހެ އެވެ. އޭނަ "ފައިޓާ" މޯޑްގައި އާންމުކުރި ފޮޓޯތަކާއި ވީޑިއޯތަކުން ފެންނަނީ ގަދަ ފިންޏަށް ހޭނުމަށާއި ބުންވަރު ވަރުގަދަކުރަން ކުރާ މަސައްކަތެވެ.

އަންނަ އަހަރުގެ އެންމެ އުންމީދީ ފިލްމުތަކުގެ ތެރޭގައި ހިމެނޭ "ފައިޓާ" ސިނަމާތަކަށް ގެންނާނީ ޖެނުއަރީ 25 ގަ އެވެ. މިއީ މި އަހަރުގެ އެ ތާރީހުގައި ސިދާތު ގެނެސްދިން ވަރުގަދަ ބްލޮކްބަސްޓާ "ޕަތާން" އަށް ފަހު ގެނެސްދޭނެ ފުރަތަމަ ފިލްމެވެ.

މިއަށް އިންތިޒާރުކުރަމާ ހިނގާށެވެ. އަނިލް ކުރި މަސައްކަތް ވެސް ފިލްމުން ބަލާލުމަކީ ހަމަ ވަރަށް ޝައުގުވެރި ކަމަކަށް ވާނެ އެވެ. އަދި ރިތިކް ވެސް މި ފިލްމަށް ވަރަށް ބޮޑަށް ތައްޔާރުވެފައިވެ އެވެ. "ފައިޓާ" އަކީ ރިތިކާއި ދީޕިކާގެ ޖޯޑު ވެސް ބޮޑު ސްކްރީނުން ފެންނާނެ ފުރަތަމަ ފިލްމަށްވާތީ މިއަށް ކުރެވޭ އިންތިޒާރީ ބޮޑެވެ.