އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) އަކީ މިހާރު އިންސާނުންގެ ދިރިއުޅުމުގެ ވަކި ހިއްޕަމުން އަންނަ ކަމެކެވެ. ބޮޑު މަންޒަރު މިހާރު ސިފަކުރެވޭ ގޮތުން އެއާ ނުލައި އެއް ކަމެއް ވެސް ނުކުރެވޭ ހިސާބަށް ވެސް ހިނގައިދާނެ އެވެ. އެކަހަލަ ކުލަވަރުތަކެއް މިހާރު އަންނަނީ ފެންނަމުންނެވެ. އަދި އެކަމާ ގުޅިގެން ކަންބޮޑުވުންތަކެއް ވެސް އެބަ ހުއްޓެވެ.
އޭއައިގެ އެހީގައި މިހާރު ވަރަށް ޒާތްޒާތުގެ ކަންކަން މީސްމީހުން އެބަކުރެ އެވެ. މި ފަހަރު ދައްކަން އޮތީ އޭއައި ބޭނުންކޮށްގެން އާޓިސްޓަކުކޮށްފައި އޮތް ހާއްސަ މަސައްކަތެއްގެ ވާހަކަ އެވެ. މިއީ ދުނިޔޭގެ ބޮޑެތި މަހުޖަނުންގެ ތެރޭގައި ހިމެނޭ ބައެއް މީހުން ފަގީރުންގެ ގޮތުގައި ތިބި ނަމަ އެ މީހުން ފެންނާނެ ގޮތެވެ.
ތިރީގައި މިއޮތް އިންސްޓަގްރާމް ލިންކް ހާވައިލާށެވެ. މިއިން ފެންނަނީ ހަމަ އެންމެންނަށް ވެސް އެނގޭ މަޝްހޫރު މީސްމީހުންނެވެ. ބޮޑެތި ބައެއް މަހުޖަނުންނެވެ.
މަޝްހޫރު ފިލްމު "ސްލަމްޑޯގް މިލިއަނާ" އާ ގުޅުވައިގެން ގެނެސްދިން މި ފޮޓޯ ކަލެކްޝަންގެ ފުރަތަމަ ފޮޓޯގައި އެ ފެންނަނީ ބޮޑު ވިޔަފާވެރިއެއްގެ ގޮތުގައި މަޝްހޫރު އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމެވެ. ދެވަނަ ފޮޓޯގައި ފެންނަނީ މައިކްރޮސޮފްޓްގެ ކުރީގެ ޗެއާމަން ބިލް ގޭޓްސް އެވެ. ތިން ވަނަ ފޮޓޯ އިން ފެންނަނީ އިންޑިއާގެ މަހުޖަނު އަދި ރިލަޔަންސް ގްރޫޕްގެ ވެރިޔާ މުކޭޝް އަމްބާނީ އެވެ. އެއާ ޖެހިގެން އިން ފޮޓޯގައި ހުރީ ފޭސްބުކްގެ ވެރިޔާ މާކް ޒަކަބާގެވެ. ދެން އިނީ ބާކްޝަޔާ ހެތަވޭގެ ވެރިޔާ ވޮރެން ބުފެޓެވެ. އެއާ ޖެހިގެން އިނީ އެމެޒޯންގެ ވެރިޔާ ޖެފް ބެޒޯސް އެވެ.
އެންމެ ފަހު ފޮޓޯގައި އިނީ ދުނިޔޭގެ އެންމެ ބޮޑު މަހުޖަނު އީލޮން މަސްކެވެ. އޭނަ އަކީ ޓްވިޓާ އާއި ޓެސްލާ އަދި ސްޕޭސް އެކްސްގެ ވެރިޔާ އެވެ.
މަހުޖަނުން "ބިކާރީކޮށްލި" މި ފޮޓޯ ކަލެކްޝަނަކީ އޭއައިގެ އެހީގައި މިފަދަ އެތައް ފޮޓޯއެއް އާންމުކުރަމުން އަންނަ އިންޑިއާގެ އާޓިސްޓެއް ކަމަށްވާ ގޮކުލް ޕިއްލާއީގެ މަސައްކަތެކެވެ. އޭނަގެ ވިތުގޮކުލް އިންސްޓަގްރާމް ނިކަން ހާވައިލާށެވެ. ޝައުގުވެރި އެތައް މަސައްކަތެއް ފެންނާނެ އެވެ.