Last Updated: June 8, 10:34
Monday, June 8, 2026
ޚަބަރު

އައްޑޫ ކައުންސިލްގެ ހިދުމަތްތައް ޑިޖިޓަލައިޒް ކުރަން ސޮއިކޮށްފި

ޓްރޭޑްނެޓް ކުންފުންޏާއި އެކު އައްޑޫސިޓީ ކައުންސިލް ސޮއިކުރުން / ފޮޓޯ: އައްޑުސިޓީ ކައުންސިލް

އައްޑޫ ސިޓީ ކައުންސިލުން ދޭ ޙިދުމަތްތައް ޑިޖިޓަލައިޒް ކުރުމަށް ޓްރޭޑްނެޓް މޯލްޑިވްސް ކޯޕަރޭޝަން ލިމިޓެޑާ އެކު އެއްބަސްވުމުގައި ސޮއިކޮށްފި އެވެ.

ކައުންސިލުން ޓްރޭޑްނެޓް ކުންފުންޏާ އެކު އެއްބަސްވުމުގައި ސޮއިކޮށްފައި ވަނީ ކައުންސިލް އިދާރާގައި އެކަމަށް ބޭއްވި ހާއްސަ ރަސްމީއްޔާތުގަ އެވެ.

މި ރަސްމީއްޔާތުގައި ކައުންސިލުގެ ފަރާތުން ސޮއިކުރެއްވީ އައްޑޫސިޓީ މޭޔަރު އަލީ ނިޒާރު އެވެ. ޓްރޭޑްނެޓް ކުންފުނީގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ މެނޭޖިންގް ޑިރެކްޓަރު އަހުމަދު ޝިހާމް އަލީ އެވެ.

ޓްރޭޑް ނެޓް ކޯޕަރޭޝަން އަކީ ސަރުކާރު ހިއްސާވާ ކުންފުންޏެކެވެ.

މި އެއްބަސްވުމުގެ ދަށުން، ޓްރޭޑް ނެޓް މޯލްޑިވްސް ކޯރޕަރޭޝަނާއި މިނިސްޓްރީ އޮފް އިކޮނޮމިކްސް ޑިވޮލޮޕްމެންޓްއއި ދެމެދު ވެވިފައިވާ "ވަން ސްޓޮޕް ޝޮޕް ސާވިސް" ޕްރޮޖެކްޓްގެ ތެރެއިން ޕަބްލިކް ސާވިސަސް ހަރުދަނާކޮށް، ޒަމާނީކޮށް، އެފިޝަންސީ ހާސިލުކުރުމަށްޓަކައި ޓްރޭޑް ނެޓް މޯލްޑިވްސް ކޯރޕަރޭޝަނުން ފޯރުކޮށްދިނުމަށް ހަމަޖެހިފައި ޚިދުމަތްތައް ދިނުމަށް އެއްބަސްވެފައިވާ ކަމަށް ކައުންސިލުން ބުނެ އެވެ.

އައްޑޫ ސިޓީ ކައުންސިލުން މީގެ ކުރީން ވެސް ޓްރޭޑް ނެޓް ކޯޕަރޭޝަނާ އެކު މަސައްކަތް ކުރުމަށް ރޭވިފައިވާ ކަން ވަނީ ހާމަކޮށްފައެވެ. އެގޮތުން ކައުންސިލުން ދޭ ޚިދުމަތްތަކަަށް އޮންލައިންކޮށް އެދި ރައްޔިތުމީހާއަށް ވީހާވެސް ފަސޭހައިން ހިދުމަތް ހޯދުމަށް އިންތިޒާމު ހަމައްޖައްސައި އެއް ވިއުގާގެ ތެރެއަށް ހިދުމަތްތައް ގުޅާލާނެ އެވެ.

ކައުންސިލުން ޓްރޭޑްނެޓް ކުންފުންޏާ އެކު މަސައްކަތް ކުރުމަށް އެއްބަސްވުމުގައި ސޮއިކޮށްފައި ވަނީ ކައުންސިލް ބައްދަލުވުމަކުން އެކަން އެގޮތަށް ކުރުމަށް ނިންމައިގެންނެވެ.

މީގެ ކުރީން ކައުންސިލުން ވަނީ ޓްރޭޑްނެޓް ކުންފުނީގެ އޮފީސް ހިންގުމަށް މަރަދޫފޭދޫ ކުރީގެ ދިރާގު އޮފީސް ހިންގި އިމާރާތް އެކުންފުންޏާ ހަވާލު ކުރުމަށް އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ. މި އެއްބަސްވުމުގައި ސޮއިކޮށްފައި ވަނީ މިދިޔަ ފެބްރުއަރީ މަހު ކުރީކޮޅުގަ އެވެ.