މާލޭގައި ބެހުމަށް ޗަމްޕާ ބްރަދާސް އިން މާލެ ސިޓީ ކައުންސިލަށް ހަދިޔާކުރި ކާށި މާދަމާ އިން ފެށިގެން ބަހަން ނިންމައިފި އެވެ.
ކައުންސިލުން ބުނީ ކާށި ބެހުމަށް ހަމަޖެހިފައި ވަނީ އިސްލާމިކް މިނިސްޓްރީގެ މި އަހަރުގެ ފަގީރުންގެ ދަފުތަރުގައި ހިމެނޭ ފަރާތްތަކަށް ކަމަށެވެ. އެގޮތުން މާދަމާއިން ފެށިގެން މި މަހުގެ 16 އާ ހަމައަށް ފަގީރުންގެ ދަފުތަރުގައި ހިމެނޭ މީހުންނަށް ކާށި ބަހާނީ ކައުންސިލުގެ ޢާންމު ޚިދުމަތްތަކާއި ބެހޭ ބައި ކަމަށްވާ ބޮޑުތަކުރުފާނުގެ މަގުގެ ތައިސޭކޮށީގައި ހުކުރު ދުވަސް ފިޔަވައި ކޮންމެ ދުވަހެއްގެ ހެނދުނު 9:30 އިން 11:30 އަށް އަދި ރޭގަނޑު 9:30 ން 11:30 އަށެވެ.
ކާށި ހޯދަން ދާ އިރު، ފަގީރުންގެ ލިސްޓުގައި ހިމެނޭ މީހެއްކަން އެނގޭނެ ފަދަ ލިޔުމެއް ގެންދަން ޖެހޭނެ ކަމަށް ކައުންސިލުން ބުންޏެެވެ.
ފުރަތަމަ ފަސް ދުވަހު ފަގީރުންގެ ދަފުތަރުގައި ހިމެނޭ މީހުންނަށް ކާށި ބެހުމަށް ފަހު ބާކީ، މި މަހުގެ 17 އިން ފެށިގެން ބަހާނީ އާންމުކޮށެވެ.
ޗަމްޕާ ބްރަދާސް އިން މާލެ ކައުންސިލަށް ހަދިޔާކުރީ 25،000 ކާއްޓެވެ.