މިދިޔަ މަހު ޑޮލަރުން އާމްދަނީގެ ގޮތުގައި 100 މިލިއަން ޑޮލަރު ލިބިފައިވާ ކަމަށް މީރާގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.
މީރާ އިން ވަނީ މިދިޔަ މާރިޗު މަހު ދައުލަތަށް ލިބުނު އާމްދަނީގެ ތަފާސް ހިސާބުތައް އާންމުކޮށްފައެވެވެ. މިގޮތުން ދައުލަތަށް މިދިޔަ މާރިޗު މަހު އެކަނިވެސް 2.19 ބިލިއަން ރުފިޔާ ލިބިފައިވެއެވެ. މީގެ ތެރޭ ހަމައެކަނި ޑޮލަރު އާމްދަނީގެ ގޮތުގައި 100.99 މިލިއަން ޑޯލަރު ލިބިފައިވާ ކަމަށް މީރާއިން ބުނެއެވެ. މިއީ މިދިޔަ އަހަރު މިމުއްދަތުގައި ލިބުނު އާމްދަނީއާއި އަޅާބަލާއިރު 1.2 އިންސައްތަ ދަށް އަދަދެކެވެ. ނަމަވެސް މިއަހަރު މާރިޗު މަހު ލިބޭނެ ކަމަށް ލަފާކުރި އާމްދަނީއަށް ވުރެ 6.4 އިންސައްތަ އިތުރު އަދަދެއް ކަމަށް މީރާއިން ފާހަގަ ކުރެއެވެ.
މިއަހަރުގެ މާރިޗު މަހު ޓެކްސް އާމްދަނީގެ ގޮތުގައި މީރާއަށް 1.68 ބިލިއަން ރުފިޔާ ލިބިފައިވެއެވެ. އަދި ޓެކްސް ނޫން އާމްދަނީގެ ގޮތުގައި ލިބިފައިވަނީ 496.9 މިލިއަން ރުފިޔާއެވެ. މިދިޔަ އަހަރާއި ބަލާއިރު މިއަހަރު ޓެކްސް އާމްދަނީ އިތުރުވިނަމެސް ޓެކްސް ނޫން އާމްދަނީ މިއަހަރު މިދިޔަ އަހަރުގެ މާރިޗު މާހާއި އަޅާބަލާއިރު ދައްވެފައެވެ.
ޓެކްސް އާމްދަނީ އިތުރުވެފައި މިވަނީ މިއަހަރު ޖީއެސްޓީ އަދި ޓީޖީއެސްޓީ އަށް ގެނެވުނު ބަދަލާއިއެކު ކަމަށް މީރާއިން ފާހަގަކުރެއެވެ. މީގެ އިތުރުން ކުރިން ލަފާ ކުރިވަރަށް ވުރެ 4 އިންސައްތަ އިތުރަށް ފަތުވެރިން އައުމުން ފަތުރުވެރިކަމާއި ގުޅުން ހުރި އާމްދަނީ އިތުރުވެގެން ދިޔަކަން މީރާއިން ފާހަގަ ކުރެއެވެ.
ޓެކްސް އާމްދަނީގެ ގޮތުގައި މިދިޔަ މަހު އާމްދަނީ އެންމެ ގިނައިން ލިބިފައިވަނީ ޖީއެސްޓީ އަދި ޓީޖީއެސްޓީންނެވެ. މިދިޔަ އަހަރު މާރިޗު މަހު 1.1 ބިލިއަން ރުފިޔާ ލިބިގެން ދިޔަ އިރު މިއަހަރު މިދެ ޓެކްސްއިން ދައުލަތަށް 1.3 ބިލިއަން ރުފިޔާ ލިބިފައިވެއެވެ. ދެން އެންމެ ބޮޑު އެއްޗެއް ލިބިފައިވަނީ އިންކަމް ޓެކްސްއިންނެވެ. އިންކަމް ޓެކްސް އާމްދަނީގެ ގޮތުގައި މިމާރިޗު މަހު 143 މިލިއަން ރުފިޔާ ލިބިފައިވެއެވެ. ބީޕީޓީ ގޮތުގައި 31 މިލިއަން ރުފިޔާ ލިބުނު އިރު ޑިޕާޗަރ ޓެކްސްގެ ގޮތުގައި 96 މިލިއަން ވަނީ ލިބިފައެވެ.
ޓެކްްސް ނޫން އަމްދަނީގެ ގޮތުގައި ބިމު ކުލިން 305 މިލިއަން ރުފިޔާ ލިބިފައިވެއެވެ. އެއާޕޯޓް ޑިވެލޮޕްމެންޓް ފީ ގެ ގޮތުގައި މިމާރުޗު 99 މިލިއަން ރުފިޔާގެ އާމްދަނީ އެއް ލިބިފައިވެއެވެ.
މީރާއިން ދައުލަތަށް ލިބޭ އާމްދަނީގެ ތަފްސީލް މަހުން މަހަށް ނެރެއެވެ. މި ތަފްސީލްތައް މީރާ ވެބްސައިޓުން ބަލައި ލެވޭނެއެވެ.