ކުރިއަށް އޮތް ފިތުރު އީދުގެ ހަދިޔާއެއްގެ ގޮތުގައި ސަލްމާން ޚާން ބެލުންތެރިންނާ ދޫކޮށްލާ ފިލްމު "ކިސީ ކާ ބާއީ، ކިސީ ކާ ޖާން" ގެ ޓްރެއިލާ ދައްކާލައިފި އެވެ.
އިއްޔެ ޓްރެއިލާ ލޯންޗްކުރަން ބޭއްވި ކުލަގަދަ ހަފުލާގައި ފިލްމުގެ މައިގަނޑު ކާސްޓުން ވެސް ބައިވެރި އެވެ. ޓްރެެއިލާ އިން މި ފިލްމަކީ ބެލުންތެރިން ވަރަށް ފޫހި ފިލުވައިދޭނެ ކަހަލަ ފިލްމަކަށްވާނެކަމުގެ ކުލަވަރު ބޮޑެވެ.
ފަރުހާދު ސަމްޖީ ޑައިރެކްޓްކޮށްފައިވާ "ކިސީ ކާ ބާއީ، ކިސީ ކާ ޖާން" އަކީ ލޯބީގެ ކަންތައްތަކެއް ވެސް ފެނިގެން ދާނެ އެކްޝަން ފިލްމެކެވެ. މީގެ ބަތަލާ އަކީ ޕޫޖާ ހެގްޅޭ އެވެ. ފިލްމުގެ އިތުރު ކާސްޓުުންގެ ތެރޭގައި ޝެހެނާޒް ގިލް (ސަނާ)، ޖައްސީ ގިލް، ރާގަވް ޖުޔަލް، ޕަލަކް ތިވާރީ، ވެންކަޓޭޝް، ޖަގަޕަތީ ބާބޫ، ސިދާތު ނިގާމް، ބޫމިކާ ޗާވްލާ، ބަގިޔާޝްރީ އަދި އަބިމަންޔޫ ސިންގް ހިމެނެ އެވެ.
މި މަހުގެ 21 ގައި ސިނަމާތަކަށް ދޫކޮށްލާ "ކިސީ ކާ ބާއީ، ކިސީ ކާ ޖާން" އަކީ ސަލްމާނާއި ޒީ ސްޓޫޑިއޯސް ގުޅިގެން ޕްރޮޑިއުސްކޮށްފައިވާ ފިލްމެކެވެ.