Last Updated: June 23, 09:20
Tuesday, June 23, 2026
ޚަބަރު

ނަޝީދާއި ޓްރަމްޕަކީ އެއްކަހަލަ ދެ މީހުން: މަވޯޓާ

އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕާއި ރާއްޖޭގެ ކުރީގެ ރައީސް މުހައްމަދު ނަޝީދަކީ އެއްކަހަލަ ދެ މީހުންގެ ގޮތުގައި މަރަދޫ ދާއިރާގެ މަޖިލިސް މެމްބަރު އިބްރާހީމް ޝަރީފު މަވޯޓާ) ސިފަކުރައްވައިފި އެވެ.

އޭނަ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ނަޝީދަކީ ޓްރަމްޕް ގޮތަށް އިންތިހާބުގެ ނަތީޖާ އޮޅުވައިލާ ކަމަށް ވިދާޅުވެ ސާބިތު ނުހިފޭ ވާހަކަތައް ދައްކަވާ ބޭފުޅުން ކަމަށެވެ.

"އެމެރިކާގެ ކުރީގެ ރައީސް ޓްރަމްޕާއި ނަޝީދާ ދެމެދު އެބަހުރި ވަރަށް އެއްގޮތް ކަންތައްތަކެއް. އެ ދެ މީހުންނަކީ ވެސް އިންތިހާބުތަކުގެ ނަތީޖާ އޮޅުވާލާ ކަމަށް ވިދާޅުވެ އެއްވެސް ހެއްކެއް ނެތި ވާހަކަ ދައްކަވާ ބޭފުޅުންތަކެއް." މަވޯޓާ ވިދާޅުވި އެވެ.

މި އަހަރުގެ ރިޔާސީ އިންތިހާބުގައި އެމްޑީޕީން ވާދަކުރާނެ ކެންޑިޑޭޓަކު ކަނޑައެޅުމަށް ބޭއްވި ރިޔާސީ ޕްރައިމަރީގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހާ ވާދަކުރައްވައި ނަޝީދު ބަލިވެވަޑައިގަތުމުން ޕްރައިމަރީގެ ނަތީޖާ ގަބޫލުކުރައްވަން ދެކޮޅު ހައްދަވާފައިވެ އެވެ. އަދި އެ ނާކާމިޔާބީއާ ގުޅިގެން "ފިކުރެއްގެ ދިރުން" ގެ ނަމުގައި ފެކްޝަނެއް ހައްދަވައިގެން އަމިއްލަ އަށް ރައީސްގެ މަގާމުގައި ހުންނެވި، ޕާޓީގެ ރިޔާސީ ކެންޑިޑޭޓާ ދެކޮޅަށް ގެންދަވަނީ މަސައްކަތް ކުރައްވަމުންނެވެ.

އަބަދު ވެސް ވަރަށް ހަރުކަށި އަދި ގޮތް ނޫކުރައްވާ އުސޫލުތަކެއް ގެންގުޅުއްވާ ޓްރަމްޕަކީ ވެރިކަމުގެ ދެވަނަ ދައުރަކަށް 2020 ގައި މިހާރުގެ ރައީސް ޖޯ ބައިޑެންއާ ވާދަކުރައްވައި ބަލިވެވަޑައިގަތުމުން އިންތިހާބުގެ ނަތީޖާ އޮޅުވާލާފައިވާ ކަމަށް ވިދާޅުވަމުން ގެންދަވާ ބޭފުޅެކެވެ. އަދި އެ ނާކާމިޔާބީއާ ގުޅިގެން ސަޕޯޓަރުންތަކަކަށް ހިތްވަރު ދެއްވައި، އެމެރިކާގެ ގާނޫނު ހަދާ މަޖިލީހުގެ އިދާރާ، ކެޕިޓަލް ހިލް އަށް ބޮޑެތި ގެއްލުންތަކެއް ދީ، އެތަނުގައި ބޮޑެތި ހަމަނުޖެހުންތަކެއް ޖެނުއަރީ 6، 2021 ގައި ހިންގުވާފައިވެ އެވެ.

އެކަމާ ގުޅިގެން އެތައް ބަޔަކަށް ދައުވާ ވެސް އުފުލި އެވެ.

ނަޝީދަކީ ވެރިކަން ކުރައްވަން 2008 ގައި ލިބިވަޑައިގަތުމުން ދައުރު ފުރިހަމަ ނުކުރައްވައި ފެބްރުއަރީ 7، 2012 ގައި އިސްތިއުފާ ދެއްވި ބޭފުޅެކެވެ. އަދި އެކަމާ ގުޅިގެން ޖެހިގެން އައި ދުވަހު މާލެ އާއި އައްޑު އާއި ތިނަދޫ ފަދަ ހިސާބުތަކުގައި ބޮޑެތި ހަމަނުޖެހުންތަކެއް ނަޝީދުގެ ސަޕޯޓަރުންތަކެއް ހިންގި އެވެ. އެގޮތުން އެންމެ ފާހަގަކޮށްލެވެނީ އައްޑޫގައި ހިންގި "ބޮޑު ހުޅު" އެވެ.

މިކަންކަމާ ގުޅިގެން އެތައް ބަޔަކަށް ދައުވާކުރި އެވެ.