އޮސްޓްރޭލިއާ އިން ސްރީ ލަންކާ އަށް ޗުއްޓީ އަށް ދާ ޓޫރިސްޓުން އިތުރު ކުރުމަކީ މި އަހަރުގެ ވަރަށް ބޮޑު އަމާޒެއް ކަމަށް ބުނެފި އެވެ.
ލަންކާގެ ޓޫރިޒަމް ޕްރޮމޯޝަން ބިއުރޯ އިން އިއްޔެ މި އަހަރުގެ ފުރަރަމަ ކުއާޓަރުގައި އޮސްޓްރޭލިއާ އިން އެ ގައުމަށް ޒިޔާރަތްކޮށްފައި ވަނީ ޖުމްލަ 10761 ޓޫރިސްޓުންނެވެ. އަދި އޮސްޓްރޭލިއާ އަކީ ލަންކާ ޓޫރިޒަމްގެ ވަރަށް މުހިއްމު މާކެޓަކަށްވާތީ އެ ގައުމުން ޗުއްޓީ ދާ ޓޫރިސްޓުން އިތުރު ކުރުމަށް ހާއްސަ ޕްރޮމޯޝަނަލް ކެމްޕޭންތަކެއް ވެސް މި އަހަރު ކުރިިއަށް ގެންދަން ނިންމާފައިވެ އެވެ.
އެގޮތުން މި މަހުގެ 13-23 އަށް ވަނީ އޮސްޓްރޭލިއާގެ ޓްރެވެލް އޭޖެންޓުންނަށް ހާއްސަކޮށްގެން ލަންކާ ޓޫރިޒަން ޕްރޮމޯޓްކުރަން ހާއްސަ ޓުއާއެއް ވެސް ބާއްވައިފަ އެވެ. އެ ޓުއާގައި ލަންކާގެ ހިތްގައިމު ތަންތަނަށް ޒިޔާރަތްކޮށް، ލަންކާގެ ދިރިއުޅުމުގެ ވައްޓަފާޅި އާއި އާދަކާދަތަކާއި ސަގާފަތް ތަޖުރިބާކޮށްލުން ފަދަ ފުރުސަތުތައް ފަހިކޮށް ދީފައިވެ އެވެ.

ލަންކާ ޓޫރިޒަމް ޕްރޮމޯޝަން ބިއުރޯ އިން ބުނީ އޭގެ ނަތީޖާ މިހާރު ފެންނަމުން އަންނަ ކަމަށާއި އަހަރުގެ ކުއާޓަރުގައި، ލަންކާ އަށް ޒިޔާރަތްކުރާ އޮސްޓްރޭލިއާ ޓޫރިސްޓުންގެ އަދަދު، ފުރަތަމަ ކުއާޓަރަށް ވުރެ ދެގުނަ އިތުރުވާނެކަގެ އުންމީދު ބޮޑު ކަމަށެވެ.
ލަންކާ އިން ބުނީ އެ ގައުމަކީ އަހަރުގެ ހުރިހާ ދުވަސްވަރެއްގައި ޓޫރިސްޓުންނަށް ޒިޔާރަތްކުރަން ވަރަށް ހިތްގައިމު މަންޒިލެއް ކަމަށާއި ލަންކާ އަށް ދަތުރުކުރުމަކީ ވެސް ވަރަށް ފަަސޭހަ ކަމެއް ކަމަށެވެ.
މި އަހަރުގެ މިހާތަނަށް ލަންކާ އަށް އެންމެ ގިނަ ޓޫރިސްޓުން ޒިޔާރަތްކުރީ ރަޝިއާއިންނެވެ.