މި މަހުގެ 25 ގައި އޮލިމްޕަސް ސިނަމާ އަށް ގެންނަން ނިންމާފައިވާ ކޮމެޑީ ފިލްމު "ވަނާޖުބޭސާ" ގެ ޓިކެޓް ވިއްކަން ފަށައިފި އެވެ.
އަލަށް ފީޗާ ފިލްމެއް ގެނެސްދޭ ޑައިރެކްޓަރު ޓްވިޝާލް ޒަކީ ހަދާފައިވާ މި ފިލްމުގެ ޓިކެޓް ވިއްކަނީ ކޮންމެ ދުވަހެއްގެ މެންދުރު ފަހު 2:00 އިން ހަވީރު 5:00 އަށް އަދި ރޭގަނޑު 9:00 އިން 11:00 އަށެވެ. ޓިކެޓްގެ އަގަކީ 100ރ. އެވެ.
"ވަނާޖުބޭސާ" އަކީ ވަރަށް ގިނަ ޓީވީ އިޝްތިހާރުތަކުން ވެސް ފެނިފައިވާ މަޝްހޫރު ކޮމީޑިއަން އަދި ކާއްޓޭ ޑިވާންޝޯގެ ނަމުން މަޝްހޫރު ނަޒީރު ޝިހާމާއި ކޮމީޑިއަން ހުސައިން ސާދު (މަޓޭ) މައިގަނޑު ރޯލުތައް ކުޅެފައިވާ އެއްޗެކެވެ. މީގެ ކާސްޓްގައި މުހައްމަދު ސައީދުގެ އިތުރުން އައިޝަތު ރިޝްމާ، އަހުމަދު ޝަކީބު، އައިޝަތު ޝިރާނީ، ޖަލްވާން މުހައްމަދު އަދި ހަދީޖާ އަލީ ހިމެނެ އެވެ.
"ވަނާޖުބޭސާ" އަކީ ވިޝާލް އާއި ކާއްޓޭގެ ސްކްރީންޕްލޭއަކަށް ހަދާފައިވާ އެއްޗެކެވެ.
މި ފިލްމަކީ އަހަރު އޮލިމްޕަހަށް ގެންނަ ދެވަނަ ފިލްމެވެ. ފުރަތަމަ ފިލްމަކީ ފެބްރުއަރީގައި އެޅުވި ޑާކް ރެއިން އެންޓަޓައިންމަންޓްގެ "ބީވީމާ" އެވެ. "ވަނާޖުބޭސާ" އަށް ފަހު އޮލިމްޕަހަށް އަންނަން އޮތީ އަލީ ސީޒަންގެ "ލޯބިވެވިއްޖެ" އެވެ. އެ ފިލްމު ޕްރީމިއާކުރާނީ މެއި 3 ގަ އެވެ.