Last Updated: June 23, 09:20
Tuesday, June 23, 2026
ޚަބަރު

މި ސަރުކާރުގެ ކޮރަޕްޝަން ދެގުނަ އިތުރު: ޝިޔާން

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ހިންގި ވައްކަމާއި ކޮރަޕްޝަނަށް ވުރެ މި ސަރުކާރުން ހިންގި ކޮރަޕްޝަން ދެގުނަ އިތުރު ކަމަށް ރައްޔިތުންގެ މަޖިލީހުގެ ތޮއްޑޫ ދާއިރާގެ މެމްބަރު ހަސަން ޝިޔާން ވިދާޅުވެއްޖެ އެވެ.

އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދުގެ ފަޅީގައި ހުންނަވައިގެން ރައީސް އިބްރާހީމް މުހައްމަދު ސޯލިހާއި ސަރުކާރަށް މިހާރު ފާޑު ވިދާޅުވަމުން ގެންދަވާ މެމްބަރުންގެ ތެރޭގައި ހިމެނޭ ޝިޔާން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރަނގަޅަށް ވަކިވަކިން ހުރިހާ ދިމާއަކަށް ބަލައިލީމާ ފެންނަން އޮތީ މި ސަރުކާރުގެ ކޮރަޕްޝަން ދެގުނަވެފައި އޮތްތަން ކަމަށެވެ.

"ފެންނަން އޮތީ އެސްއޯއީތަކުން ދެގުނަ ވައްކަން ހިންގައިފިކަން. ދައުލަތަށް ރައީސް ޔާމީންގެ ވެރިކަމުގައި ހިންގި ކަންކަމުގެ ލޯލާރި އެއް ވެސް ހޯދައި ނުދެވި ރައީސް ސޯލިހު ފެއިލްވެފައި ތަން." އެމްއެމްޕީއާރްސީގެ ކޮރަޕްޝަނަށް އިޝާރާތް ކުރައްވައި އޭނަ ވިދާޅުވި އެވެ.

ޝިޔާންގެ އިތުރުން ވެސް ނަޝީދުގެ ފަޅީގައި ތިބި ވަރަށް ގިނަ ބަޔަކު ރައީސް ސޯލިހުގެ ސަރުކާރަށް ވައްކާއި ކޮރަޕްޝަންގެ ގިނަ ތުހުމަތުތައް ކުރެ އެވެ.

ނަމަވެސް ރައީސާއި ސަރުކާރުން ވެސް ބުނަމުން އަންނަނީ މިއީ ކޮރަޕްޝަނަށް "ޒީރޯ ޓޮލެރެންސް" ގެންގުޅޭ ސަރުކާރެއް ކަމަށެވެ.