ފެނަކައިން ކުދި ވިޔަފާރިތަކާ ކުންފުނިތަކަށް ދޭންޖެހޭ ފައިސާ ދިނުން އަވަސް ކުރުމަށާއި ފެނަކައިގެ މެނޭޖްމަންޓް އަދި ފައިނޭންޝަލް އޮޑިޓެއް ހެދުމަށް ގޮވާލާ ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ކުއްލި މައްސަލަ ބޭރުކޮށްލައިފިއެވެ.
އެ ކުއްލި މައްސަލަ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވަނީ މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފެވެ. މި ކުއްލި މައްސަލަ ބަލައިގަންނަން ފެންނަ ކަމަށް 15 މެންބަރުން ވޯޓު ދެއްވިއިރު ކުއްލި މައްސަލަ ބަލައިގަތުމާ ދެކޮޅަށް 18 މެންބަރުން ވޯޓުދެއްވިއެވެ.
އެ ކުއްލި މައްސަލައިގައި ބުނެފައިވަނީ ފަނަކައިން ވިޔަފާރީގެ މުއާމަލާތް ކުރުމަށްފަހު ކުދި ވިޔަފާރިތަކަށާއި ކުންފުނިތަކަށް 2.8 ބިލިއަނަށްވުރެއް ގިނަ އަދަދެއްގެ ފައިސާއިން ދަރާފައިވާ ކަމަށެވެ. އަދި އެ ފައިސާ ނުލިބުމުގެ ސަބަބުން އެ ކުދި ވިޔަފާރިތަކަށް މާލީ ދަތިތަކާ ކުރިމަތިވެ މުވައްޒަފުންނަށް މުސާރަނުދެވި އަދި ކުލިދެއްކުންފަދަ ކަންކަން ހަމަޖައްސަން ދަތިވެ ބައެއް ވިޔަފާރިތައް ހުއްޓި ބަނގުރޫޓުވާ ހިސާބަށް ގޮސްފައިވާ ކަމަށެވެ.
މި މައްސަލައިގައި ބައެއް ފަރާތްތަކުން ފެނަކަ އޮފީސް ދޮރުމަތީގައި މުޒާހަރާކުރާ ހިސާބަށް ކަންކަން ގޮސްފައިވާ ކަމަށްވެސް ކުއްލި މައްސަލައިގައި ބުނެފައިވެއެވެ. އަދި ފެނަކައާމެދު ވިޔަފާރިތަކާއި އާންމުންގެ އިތުބާރުވެސް ގެއްލިފައިވާ ކަމަށެވެ.
މީގެއިތުރުން ކުއްލި މައްސަލައިގައި ބުނެފައިވަނީ ފެނަކަ ބަނގުރޫޓުވާ ހިސާބަށް ގޮސްފައިވާ އިރުވެސް އެކަމަށް ރިއާޔަތް ކުރުމެއް ނެތި ސިޔާސީ ކަންކަމާއި އިންތިހާބުތަކަށް ނުފޫޒުފޯރުވުމަށް ފެނަކައިން އެތައް ހަރަދެއް ކުރަމުން އަންނަކަމަށެވެ.
ކުއްލި މައްސަލައިގައިވަނީ ފެނަކައިން ކުދި ވިޔަފާރިތަކާ ކުންފުނިތަކަށް ދޭންޖެހޭ ފައިސާ ދިނުމަށް ގޮވާލާފައެވެ. އަދި ފެނަކައިގެ ދަރަނި ބޮޑުވާންޖެހުނު ސަބަބު އަދި އެކަމަށް ޒިންމާވާ ފަރާތްތައް ދެނެގަތުމަށް އޮޑިޓެއް ހަދާ، ދަރަނި ދެއްކޭނެ ޕްލޭނެއް ހަދާ ކުންފުނި ބަނގުރޫޓު ނުވާނެ ގޮތަކަށް މަސައްކަތް ކުރުމަށް ގޮވާލާފައެވެ.