މީގެ ތިން އަހަރެއްހާ ދުވަސް ކުރިން އެކްޓަރު ސުޝާންތު ސިންގް ރާޖްޕޫތު ދަންޖެހިގެން މަރުވި މައްސަލާގައި އޭރު އޭނަގެ ލޯބިވެރިޔާގެ ގޮތުގައި ހުރި ބަތަލާ ރިއާ ޗަކްރަބަތީގެ ކެރިއަރުގައި އެ ހާދިސާގެ ފަހުން ބުރެކި ޖެހިފައި ވަނިކޮށް، އޭނަ އަށް އާ ޕްރޮޖެކްޓެއް ލިބިއްޖެ އެވެ.
"މޭރޭ ޑޭޑް ކީ މަރޫޓީ" އާއި "ޖަލޭބީ" އަދި "ހާފް ގާލްފްރެންޑް" ފަދަ ފިލްމުތަކުގައި މަސައްކަތްކޮށްފައިވާ 30 އަހަރުގެ ބަތަލާގެ އާ ޕްރޮޖެކްޓަކީ އެމްޓީވީ އިންޑިއާގެ މަޝްހޫރު ރިއަލިޓީ ޝޯ، "ރޯޑީސް" ގެ 19 ވަނަ ސީޒަންގެ ގޭންގް ލީޑަރެއްގެ ފުރުސަތެވެ. އެ ޝޯ އިން ރިއާ ފެންނާނެކަން ކަށަވަރުކޮށްދީ އެމްޓީވީ އިންޑިއާ އިން ވަނީ އޭނަ ފެންނަ ޕްރޮމޯއެއް ވެސް އާންމުކޮށްފަ އެވެ.
ރިއާއާ އެކީ "ރޯޑީސް 19" ގެ ގޭންގު ލީޑަރުންގެ ގޮތުގައި ފެންނާނެ މީހުންގެ ތެރޭގައި މީގެ ކުރިން ވެސް މި ޝޯގެ ގޭންގް ލީޑަރެއްގެ ގޮތުގައި ގިނަ ސީޒަންތަކެއްގައި މަސައްކަތްކޮށްފައިވާ ޕްރިންސް ނަރޫލާގެ އިތުރުން "ބިގް ބޮސް 8" ކާމިޔާބުކުރި އެކްޓަރު ގޯތަމް ގްލާޓީ ހިމެނެ އެވެ.
މީގެ އިތުރުން "ރޯޑީސް 18" ގެ ވަނަ ސީޒަން ވެސް ހޯސްޓްކުރި އެކްޓަރު ސޯނޫ ސޫދު ވެސް އާ ސީޒަންގައި ހިއްސާވެ އެވެ.
މި ޝޯ އިން ރިއާ އަށް ފުރުސަތު ލިބުނު އިރު، އޭނަ އެންމެ ފަހުން ފެނިފައިވާ ފިލްމަކީ 2021 ގައި ރިލީޒްކުރި "ޗެހެރޭ" އެވެ. އެ ފިލްމަކީ ސުޝާންތު ޖޫން 14، 2020 ގައި މަރުވުމުގެ މާ ކުރިން ކުރިން ރިއާ މަސައްކަތް ނިންމާފައި އޮތް އެއްޗެކެވެ. ސުޝާންތު މަރުގެ ފަހަތުގައި ހުރީ ރިއާ ކަމަށް ތުހުމަތުކޮށް، އޭނަ މަސް ދުވަސް ވަންދެން ޖަލުގައި ވެސް ބަންދުކުރި އެވެ. އަދި ފަހުން ދޫކުރީ ކަފާލާތުގެ ދަށުންނެވެ.
އެކަމަކު ސުޝާންތުގެ މަރާ ގުޅިގެން މިހާތަށް ހިންގި އެއްވެސް ތަހުގީގަކުން އެ މަރާއި ރިއާއާ ގުޅުމެއް އޮތް ކަމަކަށް ސާބިތެއް ނުވެ އެވެ.