Last Updated: June 8, 10:34
Monday, June 8, 2026
ޚަބަރު

ސަރުކާރުން 3.3 ބިލިއަން ރުފިޔާގެ ޓީ-ބިލް ވިއްކައިފި

ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު - ފޮޓޯ: ރައީސް އޮފީސް

ސަރުކާރުން ޓީ-ބިލް ވިއްކުމަށް މި ހަފުތާގެ އާދީއްތަ ދުވަހު ހުޅުވި ފުރުސަތުގައި 3.3 ބިލިއަން ރުފިޔާގެ ޓީބިލް ވިއްކައިފިއެވެ.

ސަރުކާރުގެ ހަރަދުތައް ހަމަޖެއްސެމަށް ބޭނުންވާ ފައިސާ ހޯދުމަށް ފިނޭންސް މިނިސްޓްރީން ޓީބިލް ވިއްކުމަށް ހަފުތާއަކު އެއްފަހަރު ހުޅުވައިލަ އެވެ. ސަރުކާރުގެ ކޭޝް ފްލޯ ހަމަޖެއްސުމަށް ޓީބިލް އާންމު ގޮތެއްގައި ވިއްކަނީ ޕެންޝަން ފަންޑާއި ބައެއް ބޭންކްތަކާއި ސަރުކާރު ހިއްސާވާ ބައެއް ކުންފުނިތަކާއި އަމިއްލަ ކުންފުނިތަކަށެވެ.

ސަރުކާރުން އެންމެ ފަހުން ހުޅުވާލި ފުރުސަތުގައި 4 ރޭޓެއްގައި ޓީބިލް ވަނީ ވިއްކާފައެވެ. އެގޮތުން 1 މަހުން މުއްދަތު ހަމަވާ ޓީ-ބިލް ވިއްކާފައިވަނީ 3.50 އިންސައްތައިގައެވެ. މީގެ އިތުރަށް 3 މަހުން މުއްދަތު ހަމަވާ ޓީބިލް ވިއްކަނީ 3.87 އިންސައްތާގައިއެވެ. އަދި 6 މަހުން ހަމަވާ ޓީބިލް ވިއްކާފައިވަނީ 4.23 އިންސައްތައިގައެވެ. އެއް އަހަރު ދުވަހުން ހަމަވާ ޓީބިލްތައް ވިއްކާފައިވަނީ 4.60 އިންސައްތައިގައެވެ.

މިފަހަރު ހުޅުވާލި ފުރުސަތުގައި ޖުމްލަ 26 ބިޑް ބަލައިގަނެފައިވާ ކަމަށް ފިނޭންސް މިނިސްޓްރީން ބުނެއެވެ. އަދި މީގެއިން ޖުމްލަ 3.3 ބިލިއަން ރުފިޔާ ސަރުކާރަށް ލިބިފައިވާ ކަން މިނިސްޓްރީން ހާމަކުރެއެވެ. މިގޮތުން އެއް މަހުގެ ޓީބިލްއިން 589 މިލިއަން ރުފިޔާ ލިބިފައިވާއިރު، 3 މަހުގެ ޓީބިލްއިން 477 މިލިއަން ރުފިޔާވަނީ ލިބިފައެވެ. އަދި 6 މަހުގެ ޓީބިލްއިން 200 މިލިއަން ރުފިޔާ ލިބިފައިވާއިރު 1 އަހަރުގެ ޓީބިލްއިން 2.09 ބިލިއަން ރުފިޔާ ވަނީ ލިބިފައެވެ.

ފިނޭންސް މިނިސްޓްރީ ތަފާސް ހިސާބުތައް ދައްކާގޮތުން މިދިޔަ މާރިޗު މަހުގެ 27 އާއި ހަމައަށް ސަރުކާރުން ވިއްކައި އަނބުރާ ފައިސާ ނުދައްކާ 68.8 ބިލިއަން ރުފިޔާ އެބަހުއްޓެވެ. މީގެ ތެރެއިން މާކެޓަށް ވިއްކާފައިވަނީ 59.5 ބިލިއަން ރުފިޔާގެ ޓީބިލެވެ. ސުކޫކް ނުވަތަ ބޮންޑުގެ ގޮތުގައި 9.25 ބިލިއަން ރުފިޔާގެ ބޭރުގެ ފަރާތްތަކަށް ވިއްކާފައިވެއެވެ.